އެންމެ ހަތަރު މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށާއި، އަހަރު ނިމޭއިރު އެ ޢަދަދު ވަރަށް ބޮޑަށް އިތުރުކުރެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދިޔަ ހަރަކާތެއްގައި ރޭ ވާހަކަދައްކަވަމުންނެވެ.
އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، 2018 ވަނަ އަހަރުއި އެމްޑީޕީން ވެރިކަމާއި ހަވާލުވިއިރުގައި 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް ފައިސާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރިކަމަށެވެ. ނަމަވެސް އެ ސަރުކާރު ނިމުނުއިރު ހުރީ އެންމެ 3 މިލިއަން ރުފިޔާކަމަށް ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެންމެ 4 މަސްދުވަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްގެ ޙާލަތު ބަދަލުކޮށްލައިފިކަމަށެވެ. އެގޮތުން މިހާރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 30 މިލިއަން ރުފިޔާ އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެންމެ 4 މަސްދުވަހުން އެމަނިކުފާނު މި ޤައުމު ބަދަލުކޮށްލިގޮތް. އަޅުގަނޑު ކިޔާދޭން ވެއްޖެއްޔާ ވަގުތުކޮޅެއް ނަގާނެ. އެންމެ 4 މަސްދުވަސް ވީއިރުގައި އެއްކަލަ 3 މިލިއަން ރުފިޔާ ހުރި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި މިއަދު އިރާދަކުރެއްވިއްޔާ 30 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން އެހުރީ ފައިސާ." އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ސަޢީދުގެ ވާހަކަފުޅުގައި މިގޮތުގައި ކުރިއަށްދާނަމަ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 120 މިލިއަން އެމެރިކާ ޑޮލަރު މިއަހަރު ނިމެންވާއިރަށް ހުންނާނެކަމަށް ވިދާޅުވިއެވެ.
ކުރީ ސަރުކާރުގައި ފައިސާ ޗާޕްކުރުި ސިޔާސަތަށްވެސް ސަޢީދު ފާޑުވިދާޅުވިއެވެ. އެގޮތުން ޤާނޫނަށް ބަދަލު ގެނެސްގެން ކުރީ ސަރުކާރުގައި ފައިސާ ޗާޕުކުރިއިރު، އެފުރުޞަތު މިސަރުކާރަށްވެސް އޮތްކަމަށް ސަޢީދު ވިދާޅުވިއެވެ. ނަމަވެސް ރައީސް ކުރައްވަން ބޭބުންފުޅު ނުވިކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ. ފައިސާ ޗާޕްކުރުމުގެ ބަދަލުގައި، އިޤްތިޞާދީ ކައުންސިލަށް ރައީސް ދެއްވި އިރުޝާދަކީ ފައިސާ ޗާޕުނުކޮށް ޑޮލަރުގެ ކުރިމަތީގައި ދިވެހި ފައިސާގެ ބާރުގަދަކުރުންކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ފައިސާ ޗާޕްކުރުމަށް ކުރީ ސަރުކާރުގައި ޤާނޫނަށް އިޞްލާހު ގެނެސް، ތިން އަހަރު ތެރޭގައި 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަމަށް މަރުކަޒީ ބޭންކުން ވަނީ ވިދާޅުވެފައެވެ.