ޚަބަރު

"ރައީސް ޔާމީން 2018" މަހާސިންތާގެ އެންމެފަހުގެ މައުލޫމާތު


"ރައީސް ޔާމީން 2018" ކެންޕެއިން ލީޑަރުން ތަމްރީނުކުރުމުގެ މަހާސިންތާތަކުގައި، އަތޮޅުތެރޭގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެންނަވައި އެކަންކަން ޙައްލުކޮށްދެއްވުމަށް މުހިންމު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސްޔާމީންގެ ކެންޕެއިން އޮފީހުން ބުނެފިއެވެ.

މިއަދު އެއޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކެންޕެއިން އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ، ކެންޕެއިން ލީޑަރުން ތަމްރީނު ކުރުމަށް ބާއްވާ މަހާސިންތާތަކުގެ މަޤްޞަދުތަކުގެ ތެރޭގައި އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުން ހިމެނޭކަމަށެވެ. އެގޮތުން މަހާސިންތާތަކުގައި ބައިވެރިވާ ވަޒީރުން ފެންވަރުގެ ބޭބޭފުޅުން ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތައް އައްސަވައި ޙައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް މުޢާޒް ވިދާޅުވިއެވެ.

"ރައީސް ޔާމީން 2018" ކެމްޕެއިން ލީޑަރުން ތަމްރީން ކުރުމަށް ބާއްވާ އަތޮޅުތެރޭގެ ފުރަތަމަ ބުރުގެ ދެވަނަ މަހާސިންތާ މިމަހުގެ 5 ވަނަދުވަހު ރ. އަތޮޅުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ މިމަހާސިންތާ ރ. އަތޮޅުގެ ހުރިހާ ރައްތަކެއްގެ ރައްޔިތުންގެ ހިމެނޭ ގޮތުން 4 ސަރަޙައްދެއްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ރ. އަތޮޅުގައި ބާއްވާ މަހާސިންތާގައި 500 އަށްވުރެ ގިނަ މެންބަރުން ބައިވެރިވާނެކަމަށް މުޢާޒް ވިދާޅުވިއެވެ.

"މަހާސިންތާ ކުރިއަށްދާނެ 4 ރަށަކީ އަލިފުށި، ވާދޫ، އުނގޫފާރު އަދި އިނގުރައިދޫ. ރ. އަތޮޅުގެ 15 ރަށްވެސް ބައިވެރިކުރެވޭނެ." - މުޢާޒް

ރ. އަތޮޅުގައި ބާއްވާ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ރ. ދުވާފަރުގައެވެ. ރައީސް ޔާމީން 2018 ކެންޕެއން ލީޑަރުން ތަމްރީންކުރުމަށް ބާއްވާ މަހާސިންތާ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޔާމީންގެ ކެންޕެއިން އޮފީހުން ބުނެއެވެ.