ޚަބަރު

މިރޭ މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފި


  • މި މާރާމާރީ ހިންގާފައިވަނީ ހެންވޭރުގައި މިރޭ އިރާކޮޅުގެ ވަގުތެއްގައި

  • ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަމުންދާކަމަށް ވަޒީރު ވިދާޅުވި

މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.

މި މާރާމާރީ ހިންގާފައިވަނީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ޓޭކް އަވޭ އައުޓްލެޓެއް ކައިރީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ، އެ އައުޓްލެޓަށް މީހަކު ގެއްލުން ދޭން އުޅޭކަމުގެ މައުލޫމާތު މިރޭ 19:00 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި އެ ރިޕޯޓާގުޅިގެން ފުލުހުން އެ ސަރަޙައްދަށް ދިޔައިރު ގެއްލުން ދޭން އުޅުނު މީހާއާ ބަޔަކު މާރާމާރީ ހިންގުމަށް ފަހު ފިލާފައިވާކަމަށެވެ.

މި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެތަނަށް ގެއްލުން ދޭން އުޅުނު ކަމަށް ތުޙުމަތުކުރެވޭ މީހާއާއި މާރާމާރީ ހިންގުމަށް ފަހު ފިލި އެކަކުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިކަމާގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރަށުތެރޭގެ އަމަންއަމާންކަން ގެއްލޭ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅިގެންދާނެކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް ސަލާމަތީގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ފުލުހުން އަޅަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.