ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވިގޮތަށް 50 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރަށްތައް ކަނޑައަޅާނެ ގޮތުގެ މިންގަނޑު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އާންމުކުރައްވައިފިއެވެ.
އެވުޒާރާއިންވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވި 50 ކައުންސިލު އިދާރާ ކަނޑައެޅުމުގައި ބޭނުންކުރާނެ މިންގަނޑުތަކާއި މާރކްސް ދެވޭނެ ގޮތް އާއްމުކުރަށްވާފައެވެ.
އެގޮތުން ރަށުގެ އާބާދީ، ކައުންސިލުގެ ވަސީލަތް އަދި މިހާރު އިމާރާތް ހުރި ހާލަތަށް ބަލައި ކޮންމެ ބަޔަކަށް ގިނަވެގެން 20 މާކްސް ވަނީ ކަނޑައަޅާފައެވެ. ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން އަދި އަންހެނުންގެ ކޮމިޓީ މަސައްކަތް ކުރާނެ ޖާގައަށް ކޮންމެ ބަޔަކަށް ގިނަވަގެން 10 މާކްސް ހިމަނާފައިވާއިރު ކޮންމެ އަހަރެއްގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލަކަށް އެލްޖީއޭއިން ދެމުން އަންނަ ކަންގަތި އެވޯޑު ލިބިފައިވާ ކައުންސިލުތަކަށް އިތުރު 10 މާކްސް ދޭންވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމަވާފައެވެ.
މިއަހަރު 50 ރަށެއްގައި ކައުންސިލް އިމާރާތްތައް އަޅައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހދ. މަކުނުދޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވެފައިވަނީ ކައުންސިލްތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ނެތުމުގެ ދަތިކަން ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގައި އޮތްކަމަށެވެ. އަދި ކައުންސިލްތަކަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް ނިމިދިޔަ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިނުވާކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުސިލްތަކުން ދޭ އިދާރީ ޚިދުމަތްތައް އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ރަނގަޅު ފެންވަރެއްގެ އިމާރާތެއް މުހިންމުކަމަށާއި އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގެ 50 ރަށެއްގައި ކައުންސިލް އިދާރާގެ އޮފީސް އިމާރާތްކުރުމަށް ބިޔަ މަޝްރޫޢެއް މި އަހަރު ފައްޓަވާނެކަމަށެވެ.