ޚަބަރު

15 އަހަރަށްފަހު ފުލުހުންގެ މުސާރައަށް ބޮޑު ބަދަލެއް، %35 ބޮޑުކޮށްފި


  • ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްދިނުމަކީ ރައީސްގެ ވަޢުދުފުޅެއް

  • ފުލުހުންގެ މުސާރަ މިމަހުން ފެށިގެން ވަނީ %35 ބޮޑުކޮށްފައި

  • މިއީ 2009 ގެ ފަހުން އަސާސީ މުސާރައާއެކު މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރު

  • އައު އޮނިގަނޑުގައި އަސާސީ މުސާރައާއެކު އިތުރު އެލަވަންސްތަކެއް ވަނީ ހިމަނާފައި

ހުރިހާ ފުލުހުންގެ މުސާރަ މިމަހުން ފެށިގެން %35 ސަރުކާރުން ބޮޑުކޮށްދެއްވައިފިއެވެ. ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް "އަހާ" ގެ ނަމުގައި މިދިިޔަ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހު ބޭއްވި ފޯރަމްގައި ބައިވެރިވެވަޑައިގެން ރައީސް ވަނީ މިމަހުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މުސާރަ މިމަހުން ފެށިގެން %35 ސަރުކާރުން ބޮޑުކޮށްދެއްވާފައިވާއިރު، އައު މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސްއެވެ. ފުލުހުންގެ ޕޭ ސްޓްރަކްޗަރއަށް ގެނައި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ ފުލުހުންގެ އަސާސީ މުސާރަ އަދި ކުރާ މަސައްކަތުގެގޮތުން ކޮންމެ ފުލަހަކަށްވެސް ޚާއްސަ އިނާޔަތެއް ލިބޭނެގޮތް ހެދުމެވެ.

މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރައަށް މިހާ ބޮޑު ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެެވެ. މުސާރައިގެ އޮނިގަނޑު ޒަމާނީކޮށް، ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތަޢާރަފުކުރުމުގެ ގޮތުން ކުރިން ދެމުންއައި އެލަވަންސްތަކަށް ވަނީ ބަދަލުގެނެސްފައެވެ.

މި ގެނެވުނު ބަދަލާއެކު ފުލުހުންގެ ތެރެއިން އެންމެ މަދުން މުސާރަ ލިބޭ ކޮންސްޓަބަލުން ރޭންކުގެ ފުލުހުންނަށްވެސް މިހާރު މަދުވެގެން 15،500 ރުފިޔާ ލިބޭނެއެވެ. އަދި އެލަވަންސްތަކާއެކު ކޮންމެ މަހަކުވެސް މަދުވެގެން 17،000 ރުފިޔާ ލިބޭނެއެވެ. ކުރިން މި ރޭންކުގެ ފުލުހެއްގެ މުސާރައަކީ 11،810 ރުފިޔާއެވެ. މީގެ އިތުރުން މަގުމަތީގައި ހަރަކާތްތެރިވާ ޕެޓްރޯލްމަނުންނަށް އިތުރު 1،000 ރުފިޔާ އަދި ޝިފްޓް ޑިއުޓީ އަދާކުރާނަމަ އިތުރު 750 ރުފިޔާ ލިބޭނެއެވެ.