ދުނިޔެ

އިންޑިޔާގެ ރަށްފުށުގެ ސަރަހައްދުތައް ތަރައްޤީ ކުރަން ގޮވާލުން


އިންޑިޔާގެ ރަށްފުށުގެ ސަރަޙައްދުތައް ތަރައްޤީ ކުރުމަށްޓަކައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމަށް އެޤައުމުގެ ވިލެޖްތަކުގެ މަންދޫބުންނަށް ބޮޑުވަޒީރު ނަރަންދުރަ މޯދީ ގޮވާލައްވައިފިއެވެ. 

އިންޑިޔާގެ އިރުމަތީގެ ސްޓޭޓެއްކަމަށްވާ ޖަޅުކަންދުގެ ޖަމްޝެޑްޕޫރު ސިޓީގައި ކުރިޔަށްދާ އެޤައުމުގެ ވިލެޖްތަކުގެ ތިންހާހެއްހާ މަންދޫބުންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ އިންޑިޔާގެ ގިނަބަޔަކު ދިރިއުޅެނީ ރަށްފުށުގެ ސަރަޙައްދުތަކުގައި ކަމަށާ އިންޑިޔާގެ ކުރިއެރުމާއި ތަރައްޤީގެ ބޮޑުބައި ހިއްސާކުރަނީ ރަށްފުށުގެ ކުރިއެރުމުގެ މައްޗަށް ކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ވިލެޖްތަކުގެ މަންދޫބުންނަކީ ރަށްފުށުގެ ސަރަޙައްދުތައް ތަރައްޤީއަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަންޖެހޭ ބައެއްކަމަށާ މިކަމަށް ބޭނުންވާ ފައިސާއާއި އަޒުމާ އަދި ނިޔަތް އެބައޮތްކަމަށެވެ.

މޯދީ ވިދާޅުވީ އިންޑިޔާގެ ރަށްފުށުގެ ސަރަޙައްދުތަކަށް ސާފު ބޯފެނާއި ނަރުދަމާއާއި ކަރަންޓާއި އިންޓަނެޓް ފޯރުކޮށްދިނުމަކީ އޭނާގެ ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގެ އެންމެ ކުރީގައިވާ ކަންތައްތައް ކަމަށެވެ. އެހެންކަމުން ރަށްފުށުގެ ތަރައްޤީ ޙާސިލްކުރުމަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ވިލެޖްތަކުގެ މަންދޫބުންނަށް މޯދީ އިލްތިމާސް ކުރެއްވިއެވެ.