އިތުރު ދާއިރާތަކުން ރާއްޖެއާއެކު މަސައްކަތްކުރުމުގެ ޝަޢުގުވެރިކަން ހުރިކަން އިމްޕޯޓް އެކްސްޕޯޓް ބޭންކް އޮފް ޗައިނާއިން ހާމަކުރައްވައިފިއެވެ.
ޗައިނާގެ އެގްޒިމް ބޭންކުން މިކަން ހާމަކުރެއްވީ، އެ ބޭންކުގެ ރައީސް ރެން ޝެންގްޖުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާއާއި ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ގާތްގުޅުން ފާހަގަކުރައްވާ، ރާއްޖޭގެ ކުރިއެރުމަށް ޗައިނާގެ އެގްޒިމް ބޭންކުގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގުނު ބައެއް ބޮޑެތި މަޝްރޫޢުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ސޯޝަލް ހައުސިންގ މަޝްރޫޢުތައް ފާހަގަކުރައްވާ ރައީސް ވަނީ ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް އެމަނިކުފާނުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވާނެ އެއް މަސައްކަތްޕުޅުކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ އެގްޒިމް ބޭންކުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ތާރީޚީ ގުޅުމާއި، އެއް ޤައުމުން އަނެއް ޤައުމަށް ދެމުންދާ އެއްބާރުލުމާއި ކުރާ އިޙްތިރާމްގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން ވަރަށް ކުރީކޮޅު ބައިވެރިވެފައިވާކަން ފާހަގަކުރައްވައި، ރާއްޖެއާ އެކު ރަނގަޅު ގުޅުމެއް ބާއްވަން ޗައިނާގެ އެގްޒިމް ބޭންކުން ތައްޔާރަށް އޮތްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޗައިނާގެ އޮފީސް ފޮރ އިންޓަރނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ މޭޖަރ ޖެނެރަލް ޖަންގް ބައޯކުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މޭޖަރ ޖެނެރަލް ޖަންގް ބައޮކުން ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ސްޓްރެޓެޖިކް ޕާޓްނަރޝިޕްތަކާއި، ދިފާޢީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.