ޚަބަރު

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ހުކުރުދުވަހު ފަށަނީ


  • ފުރަތަމަ ބޭނުންކުރާނީ ޑޭޝް-8 މަރުކާ ބޯޓެއް

  • ކުރިއަށް އޮތްތަނުގައި ސީ ޕްލޭނެއްވެސް ބޭނުންކުރާނެ

  • ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށްވެސް ދަތުރުކުރެވެނެކަމަށް

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ހުކުރު ދުވަހު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އުތުރަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެއަރ އެމްބިއުލާންސްގެ ޚިދުމަތަކީ ސިއްޙީ ކުއްލި ޙާލަތްތަކުގައި ދެވޭ އަވަސް ފަރުވާގެ ނިޒާމު ރާއްޖޭގައި ހަރުދާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އަދި މި ޚިދުމަތުގައި އެންމެ ފުރަތަމަ ބޭނުންކުރާނީ ޑޭޝް-8 މަރުކާރުގެ މަތިންދާބޯޓެއްކަމަށާއި އޭގެފަހުގައި ސީޕްލޭނެއްގެ ފަރުމާއަށް ބޯޓު ބަދަލުކޮށް، ބަލި މީހުން އުފުލޭގޮތަށް ބޭނުންކުރަން ފަށާނެކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

އޭގެ ސަބަބުން އެއަރޕޯޓް ނެތް ރަށްތަކުގައިވެސް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަސޭހައިން ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއަރ އެމްބިއުލާންގައި ސްރީ ލަންކާއާއި ހަމައަށްވެސް ދަތުރުތައް ކުރެވޭނެކަމަށެވެ. އަދި ލަންކާއިން ތެޔޮ އަޅައިގެން އެއަށްވުރެ ދުރު ހިސާބުތަކަށްވެސް ދަތުރުކުރެވޭނެކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

"އެއަރ އެމްބިއުލާންސްއާއެކު އަމިއްލަ ބޯޓުގައި އަމިއްލަ ޚިދުމަތެއް މި ފެށެނީ. ބަޔަކަށް ބަރޯސާވާކަށް ނުޖެހޭނެ. މިއީ މެޑިކަލް އިވަކުއޭޝަން ކެޕޭސިޓީ އިތުރުކުރުމަށް ކުރެވޭނެ ވަރަށް މުހިންމު މަސައްކަތެއް." ރައީސް ވިދާޅުވިއެވެ..

އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދަޢުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ދެފަހަރު ވަޑައިގަތުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން މި އަހަރާއި 2026ވަނަ އަހަރު ރާއްޖޭގެ ކޮންމެ ރަށަކަށް މަދުވެގެން އެއްފަހަރު ވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

"މަސައްކަތްކުރާނީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ޙާލަތު އޮޅުންފިލުވައިގެން. މިއަހަރުގެތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރާނަން. ދެން 2026ވަނަ އަހަރު. މި ދަޢުރުގެ ތެރޭގައި ކޮންމެ ރަށަކަށް މަދުވެގެން 2ފަހަރު ދާނަން." ރައީސް ވިދާޅުވިއެވެ.

މަނަދޫ ހުންނަވައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަނަދޫގެ ތަރައްޤީއަށް ކުރުމަށް ނިންމަވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. އެގޮތުން އަވަސް މުސްތަޤުބަލެއްގައި ނ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތާއި މަނަދޫގައި 300 ހައުސިން ޔުނިޓް ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. އަދި ނ.އަތޮޅު ހޮސްޕިޓަލަށް ޖާގައިތުރުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމާއި މަގުހެދުމާއި ނަރުދަމާ އަދި ކުޅިވަރު ފެސިލިޓީ ޤާއިމުކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ..