ކުޅިވަރު

މާސިއާލްގެ ލަނޑުން ޔުނައިޓެޑް އެފްއޭ ކަޕްގެ ފައިނަލަށް


މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ފޯވާޑް އެންތޮނީ މާސިއާލް ޖަހައިދިން ގޯލާއިއެކު އެފްއޭ ކަޕްގެ ފައިނަލުން މެންޗެސްޓަރ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

 އިނގިރޭސި އެފްއޭކަޕްގެ ސެމީ ފައިނަލްގައި އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗް މެންޗެސްޓާރ ޔުނައިޓެޑް ކާމިޔާބުކުރީ ދޭއް އެކަކުންނެވެ. 

މެޗުގެ ފުރަތަމަ ހާފްގައި މެންޗެސްޓަރ ޔުނައިޓެޑްގެ ފުރަތަމަ ގޯލް ޖަހައިދިނީ މަރޯން ފެލައިނީއެވެ. ދެވަނަ ހާފްގެ ކުރީކޮޅު ނަތީޖާ ހަމަހަމަކުރުމަށް އެވަޓަންއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެޓީމަށް ލިބުނު ޕެނަލްޓީގެ ހުރަހަކަށްވީ ޔުނައިޓެޑްގެ ގޯލް ކީޕަރ ޑޭވިޑް ޑެޚެއާއެވެ. 

މެޗުގައި އެވަޓަން ނަތީޖާ ހަމަހަމަކުރީ ޔުނައިޓެޑުގެ ޑިފެންޑަރ ކްރިސް ސްމޯލިންގ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. މި ނަތީޖާގައި އޮވެ މެޗް ނިމެންދަނިކޮށް މެޗުގެ އިތުރުވަގުތުގައި އެވަޓަންގެ ސަޕޯޓަރުން ރޮއްވާލައި ދެހާސް ހަތްވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެފްއޭކަޕްގެ ފައިނަލުން މެންޗެސްޓަރ ޔުނައިޓެޑްގެ ޖާގަ ޔަގީންކޮށްދިނީ ފޯވާޑް އެންތޮނީ މާސިއާލްއެވެ. 

ރޭގެ ސެމީ ފައިނަލަކީ އެވަޓަން އަދި މެންޗެސްޓަރ ޔުނައިޓެޑް އެފްއޭކަޕްގައި ވާދަކުރި ތިންވަނަ ސެމީ ފައިނަލެވެ. އަދި މީ މެންޗެސްޓަރ ޔުނައިޓެޑަށް އެވަޓަން އަތުން މޮޅުވެވުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. 

މެންޗެސްޓަރ ޔުނައިޓެޑް އެފްއޭކަޕް އެންމެ ފަހުން އުފުލާލާފައިވަނީ ދެހާސް ހަތަރުވަނަ އަހަރެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި ޔުނައިޓެޑް ވާދަކުރަން ޖެހޭނީ އެފްއޭކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މިރޭ ވޮޓްފޯޑް އަދި ކްރިސްޓަލް ޕެލަސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.