ޚަބަރު

އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މާދަމާ، އިއްޔެގެ ނިޔަލަށް ފޯމު ހުށައެޅީ 183 މީހުން


  • ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ މާދަމާ މެންދުރު 14:00

  • ޤާނުނުގައި ބުނާގޮތުން ފޯމު ހުށައެޅުމަށް ދެވެނީ 14 ދުވަހުގެ މުއްދަތެއް

  • މިހާތަނަށް 183 މީހުން ވަނީ ފޯމު ހުށައަޅާފައި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު މާދަމާ ހަމަވާނެއެވެ. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބުނާގޮތުން އިންތިޚާބަށް ކެންޑިޑޭޓުން ކުރިމަތިލުމަށް ދޭ މުއްދަތަކީ 14 ދުވަހެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ކެންޑިޑޭޓުން ފޯމު ހުށައެޅުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. ޤާނުނުގައި ބުނާ 2 ހަފްތާގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިޚާބަށް ކުރިމަތިލުމަށް އިއްޔެގެ ނިޔަލަށް 183 މީހަކު ފޯމު ހުށަހަޅާފައިވާކަމަށެވެ.

ފޯމު ހުށައެޅުމަށް ދީފައިވާ ސުންގަޑިއަކީ މާދަމާގެ މެންދުރު 14:00 ގެ ނިޔަލަށެވެ. އިލެކްޝަން ކޮމިޝަނަށް ފޯމު ހުށައެޅޭ ވަގުތަކީ ހެނދުނު 09:00 އިން މެންދުރު 14:00 އަށެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތީޚާބު ބާވަން އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚަކީ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އެ ތާރީޚު ރަމަޞާންމަހާއި ދިމާވާތީ، މަޖިލީހުގައި ބަހުސްކޮށް އެ ތާރީޚު ރަމަޞާން މަހުގެ ފަހަށް ފަސްކުރުމަށް ވަނީ ފާސްކޮށްފައެވެ. މަޖިލީހުން ނިންމި ނިންމުމަކީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއިގުޅޭ ކަމަކަށްވާތީ އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރިކަން ކަނޑައަޅާނީ، މަޖިލީހުގެ ނިންމެވުން ރައީސް ތަސްދީޤުކުރެއްވުމުންނެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރިނަމަވެސް މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ފަސްނުކުރާނެކަމަށެވެ. އެއީ އިންތިޚާބަށް ކުރިމަތިލުމަށް ދިނުމަށް ޤާނޫނުގައި ބުނާ މުއްދަތަކީ 14 ދުވަސް ކަމުގައިވާތީއެވެ.

ފޯމު ހުށައެޅުން ކުރިއަށްދަނީ އިންތިޚާބާބެހޭ މައި މަރުކަޒު ދަރުބާރުގޭގައެވެ. ފޯމު ހުށައަޅާ މީހުންނަށް ފަސޭހަކުރުމަށް އީސީންވަނީ މަރުކަޒުގައި ޑެސްކްތައް އިތުރުކޮށް، ފަސޭހަ އިންތިޒާމްތައް ހަމަޖައްސާފައެވެ.

އީސީން ވިދާޅުވީ، ހުށައަޅާ ފޯމުތަކުގެ ޖަވާބު، ދުވަހުން ދުވަހަށް ދޭވޭވަރަށް މަސައްކަތްތައް އަވަސްކޮށްފައިވާކަމަށެވެ. ޤާނުނުގައި ބުނާގޮތުން ފޯމުހުށައަޅާތާ 48 ގަޑިއިރު ތެރޭގައި ފޯމުގެ ޖަވާބު އެ ހުށައެޅި ފަރާތަކަށް ދޭންވާނެއެވެ. ޖަވާބެއް ނުދީފިނަމަ، އެމީހަކީ ކެންޑިޑެޓޭޓެއްގެ ގޮތުގައި އޮޓޮމެޓިކުން ބަލައިގަނެވޭނެއެވެ.

އާބާދީއަށް އައި ބަދަލާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 ދާއިރާ ހިމެނެއެވެ. 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނެނީ 87 ދާއިރާއެވެ. މިފަހަރުގެ އިންތިޚާބަށް 400-600 މީހުން ފޯމު ހުށައަޅާނެކަމަށް އިލެކްޝަން ކޮމިޝަނުން އަންދާޒާކުރެއެވެ.

އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ފޯމު ހުށައެޅޭނީ ދާއިރާއިން ކެންޑިޑޭޓަށް ތާޢީދުކުރާ 50 މީހުންގެ ސޮއާއެކުއެވެ. އިންތިޚާބަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ކުށާއި ދަރަނީގެ ރެކޯޑާއި އަދި އިންތިޚާބަށް ޚާއްސަކޮށް ހުޅުވާ އެކައުންޓްގެ ތަފްސީލް ފޯމާއެކު ހުށައަޅަންޖެހޭނެއެވެ. އަދި ފޯމު ހުށައަޅާއިރު ކޮންމެ މީހަކު 5000 ރުފިޔާގެ އިދާރީ ފީއެއް ދައްކަންޖެހެއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ފޮޓޯއާއި ބޭނުންކުރާ ލޯގޯ ޖެހުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ.
ފޯމު ހުށައެޅުމުގެ މަސައްކަތްތައް ޕާޓީތަކުންވެސް ފޯރިއާއެކު އަންނަނީ ކުރިއަށްގެންދަމުންނެވެ. އަދި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންވެސް އަންނަނީ ފޯމު ހުށައަޅަމުންނެވެ.