ޚަބަރު

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވުނު: މާޓިން


  • ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް މަޝްވަރާކުރެއްވި

  • އިޤްތިޞާދު ސިންދަފާތު ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި

  • އިޤްތިޞާދީ ވަޒީރުގެ އިތުރުން އެހެން ވަޒީރުންނާވެސް ބައްދަލުކުރެއްވި

ރާއްޖޭގެ އިޤްތިސާދު ޑައިވަރސިފައިކުރުމަށް ނުވަތަ ސިންދަފާތު ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި އެކު މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށް ވޯލްޑް ބޭންކުން ސައުތު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ނައިބު ރައީސް މާޓިން ރެއިޒަރ ވިދާޅުވެއްޖެއެވެ. މަޓިން މިހެން ވިދާޅުވެފައިވަނީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި އެކު އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މާޓިން ވިދާޅުވީ، އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދާއިއެކު ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކުގެ ތަފްސީލް މާޓިން ހިއްސާކުރައްވާފައެއް ނުވެއެވެ. އަދި އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ރާއްޖޭގެ އިޤްތިސާދު ފުޅާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ވޯލްޑް ބޭންކްގެ ޓީމުން ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރިއަށް ރޭވިފައި ހުރި ކަންކަމާ ގުޅޭ މައުލޫމާތާއި އަދި ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމަށް ނަގާނެ ފިޔަވަޅުތައް ދެނެގަތުންކަމަށެވެ. ސަރުކާރުން ކުރަން ރާވާފައިވާ ބައެއް ކަންކަން ވޯލްޑް ބޭންކްގެ ޓީމަށް ހިއްސާކުރެއްވުމުގެ އިތުރުން ރާއްޖޭގެ މާލީ ހާލަތު ވޯލްޑް ބޭންކްގެ ޓީމާއި ހިއްސާކޮށްފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

"މިވަގުތު ވޯލްޑް ބޭންކާއި އަޅުގަނޑުމެން ވާހަކަދެއްކުމަކީ އަދި ވޯލްޑް ބޭންކް ނޫނަސް އައިއެމްއެފް ވިއަސް، ރާއްޖެއާއި އެކުވެރި ޤައުމުތައް ކަމަށްވިއަސް ވާހަކަދައްކައިގެން އަޅުގަނޑުމެންގެ ހާލަތާއި އަޅުގަނޑުމެން ކުރިއަށް ވިސްނާ ކަންތައްތަކާއި ރާއްޖޭގެ އިކޮނޮމީ ފުޅާކުރުމަށްޓަކައި ގަސްދުކުރާ ކަންތައްތަކުގެ މައުލޫމާތު ގާތުން ދިނުމަކީ އަޅުގަނޑަށް ހީވަނީ ވަރަށް ފަހި ކަމަކަށް ވާނެހެން." ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން ސައުތު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ނައިބު ރައީސް މާޓިން ރެއިޒަރ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަނީ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި، ތިމާވެށްޓައި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާވެސް ބައްދަލުކުރައްވާ މުހިންމު ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ.

ވޯލްޑް ބޭންކުގެ ސައުތު އޭޝިއާ ނެރުނު، 'ބެޓެން ޑައުން ދަ ހެޗަސް'ގެ ނަން ދީފައިވާ އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ މެދު ރާސްތާގެ އިޤްތިޞާދީ ތަސައްވަރު ރަނގަޅެވެ. އަދި މާލީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭން އާމްދަނީ އިތުރުކުރުމާ އެކު ޚަރަދުތައް ރަނގަޅަށް ބަލަހައްޓަން ޖެހޭކަމަށް ބުނެފައިވެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ރާއްޖޭން އުމްރާނީ ތަރައްގީގެ ހިދުމަތްތައް ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ބަޖެޓަށް ވަރަށް ބޮޑަށް ބަރޯސާވެ، ގިނަ ފަހަރަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ވުރެ ވެސް މަތިން އެފަދަ ޚަރަދުތައް ކުރެއެވެ.