މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށާއި، އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދެވޭނެ މަގު ފަހިކޮށްދީފިއެވެ.
އިމިގްރޭޝަނުން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ފުރިހަމަ އިސްކަމެއްދީ މެޑިކަލް އިމަރޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓް ހެއްދުމަށް އަންނަ ފަރާތްތަކަށް ހިނދުން ހިނދަށް މިޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގެންނެވި ބަދަލެއް ކަމަށެވެ.
އިމިގްރޭޝަނުން ބުނީ 21 ޖަނަވަރީން ފެށިގެން މެޑިކަލް އިމަރޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި، އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ފަރާތްތަކަށް އެފަރާތުން ބޭނުންވާނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.
މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ޕާސްޕޯޓު ހެއްދުމަށް އިމިގްރޭޝަނަށް ހާޒިރުވުމުން، އިމިގްރޭޝަންގެ އެހީތެރިކަމާއިއެކު ޕާސްޕޯޓަށް އެދި ހުށައެޅުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމްވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ. އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ހެނދުނު 8:30 އިން ހަވީރު 5:00 އަށް މިޚިދުމަތް ލިބޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ މަޤްސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެއްގޮތަށް ދިވެހި ރައްޔިތުންނަށް ވީހާވެސް އަވަސް، ލުއިފަސޭހަ ޚިދުމަތްތަކެއް ހޯދޭނެ މަގު ފަހިކޮށްދީ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުންކަމަށެވެ.