ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ދެއްވުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި މަޖިލީހެއް އުފެއްދެވުމަށް ރައްޔިތުންގެ މަޖިލީހުންމިއަދު ފާސްކުރައްވައިފިއެވެ.
މިގޮތަށް ފާސްކުރެއްވީ ވޯޓުގައި ބައިވެރި 53 މެމްބަރުންގެ އިއްތިފާޤުންނެވެ. ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ހުށައެޅުއްވި އިޞްލާޙުގައި ވަނީ، ރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާގުޅޭ ދީނީ ލަފާދިނުމަށްޓަކައި "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް"ގެ ނަމުގައި މަޖިލީހެއް އުފައްދަވަންވާނެކަމަށެވެ.
މިޤާނޫނުގެ ދަށުން އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، މިޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޤާއިމްކުރައްވަން ވާނެކަމަށާއި، އެ އޮފީހަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގޭ ދައުލަތުގެ ވަކި އިދާރާއެއްކަމަށް ބަޔާންކުރައްވާފައިވެއެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބައެއް މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި އެފަރާތްތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދެއްވުމާއި، ރައްޔިތުންގެ ދީނީ ޚިޔާލު ތަފާތުވުންތައް އުފެދޭ މައްސަލަތައް ދެނެގަނެ އެކަންކަމުގެ ދިރާސާކޮށް އެމަޖިލީހުގެ ފަތުވާ ޢާންމުންނަށް ލިބޭނެގޮތް ހެއްދެވުން ހިމެނެއެވެ. އަދި ދީނީ ކަންކަމުގައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ތަފާތު ދީނީ މައުޟޫތަކަށް ދިރާސާކޮށް ލިޔެފައިވާ ލިއުންތައް ހިމަނައިގެން މަޖައްލާއެއް ނެރުންވެސް ހިމެނެއެވެ.
ދީނީ އެއްބައިވަންތަކަމުގެ ޤާނޫނަށް ހުށައަޅުއްވާފައިވާ މިއިޞްލާޙުގައިވާގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ.