ރާއްޖެއަށް ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު 2 ގުނަ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާއަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ މާކެޓެވެ. ނަމަވެސް ކޯވިޑްގެ ފަހުން މި އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެއަރޕޯޓްގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ 1 ނަންބަރު މާކެޓަށް ޗައިނާ އަލުން ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާފައިވާކަމަށެވެ. އަދި ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމުގެ އެއްބަސްވުމެއްގައިވެސް އެ ޤައުމުގެ ސަރުކާރާއިއެކު ސޮއިކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އިތުރުކުރުމަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނުކަމަށާއި އަދި ޗައިނާއިން ރާއްޖެއަށް އިތުރު ފްލައިޓްތައް ގެނައުމަށްވެސް މަޝްވަރާކުރެވުނުކަމަށެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި ބާއްވާ ސީދާ ދަތުރުތައް އިތުރުކުރުމަށް މުހިއްމު މަޝްވަރާކުރެވުނުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރުގެ މާރޗް ހިސާބުގައި ޗައިނާގެ ޝިއަމެން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުން ހަމަޖެހިފައިވާކަމަށެވެ. އަދި ޗައިނާގައި ރާއްޖެ މާކެޓްކުރުމުގެ މަސައްކަތްތައްވެސް ފުޅާކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމަކީ ޗައިނާކަމަށް ވާއިރުގައި، ކޯވިޑްގެ ކުރިން ހުރި އަދަދުގެ 2 ގުނައަށް ޗައިނާގެ ޓޫރިސްޓުން ރާއްޖެއަށް ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި އެންމެ މަދުވެގެން އަންނަވަރަށް އިތުރުކުރުމަށްޓަކައި މަސައްކަތްތައް ތަރުތީބުވެގެންދިޔަ." ރައީސް ވިދާޅުވިއެވެ.
2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284،029 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 2023 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 187،118 ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ އެމްއެމްޕީއާރުސީން ބުނާގޮތުން ކޯވިޑްގެ ކުރިން ރާއްޖެއަށް ޗައިނާ ފަތުރުވެރިން ޒިޔާރަތްކުރި އަދަދަށް މިއަހަރު ރާއްޖެއަށް ޗައިނާއިން ފަތުރުވެރިން ޒިޔާރަތްކުރެވޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު %40 އިތުރުވާނެކަމަށްވެސް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.