އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ސިޔާސަތުތައް ތަންފީޒްކުރުމަށް އޯއައިސީގެ ދަށުން ހިންގާ އިސްލާމީ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާ ބެހޭ ގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުޙައްމަދު ޝަހީމް ޢަަލީ ސަޢީދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާކުރައްވާފައިވަނީ މިނިސްޓަރ ޝަހީމް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލް ޙުސައިން އިބްރާހީމް ޠާހާގެ އަރިހަށް ކުރެއްވި އިޙުތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ޑރ. ޝަހީމްވަނީ، ސަޢޫދީ ޢަރަބިއްޔާގެ ލީޑަރޝިޕްގައި އޯއައިސީން އިސްލާމީ އުންމަތަށް ކޮށްދެއްވަމުންގެންދަވާ ޚިދުމަތަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ފަލަޞްޠީނުގެ ޙައްޤުގައި އޯއައިސީން ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވިއެވެ.
ޑރ މުއިއްޒުގެ ސަރުކާރުން އިސްލާމީ ކަންތައްތަކުގައި ކަނޑައަޅުއްވާފައިވާ މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި އޯއައިސީގެ ދަށުން ހިންގާ އިސްލާމީ މުއައްސަސާތަކުގެ އެހީތެެރިކަން ހޯދުމާ ބެހޭ ގޮތުން މިނިސްޓަރ ޝަހީމް މަޝްވަރާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ފަތުވާ ކައުންސިލާއި ޒަކާތު ހައުސްއާއި އައުޤާފު އިންވެސްޓްމަންޓްސް ތަރައްޤީކުރުމަށް އޯއައިސީގެ ދަށުން ހިންގާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑިބީ)އާއި އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީއާއި އިސްލާމިކް ސޮލިޑަރިޓީ ފަންޑުގެ އެހީތެރިކަން މިނިސްޓްރީއަށް ލިބޭނެ ގޮތް ހޯދުމާމެދު މަޝްވަރާކުރެއްވި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އަދި އިސްލާމޯފޯބިއާއި ކައުންޓަރ ޓެރަރިޒަމް ދާއިރާއިން ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު ވެސް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އޯއައިސީގެ ދަށުގައި ހުރި ޔުނިވަރސިޓީތަކުން އިސްލާމީ ދާއިރާއިން ރާއްޖޭގެ އިލްމުވެރިންނާއި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފަހި ފުރުޞަތު ހޯދުމަށް ވެސް މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ޑރ ޝަހީމް އޯއައިސީގައި ވަޒީފާ އަދާ ކުރެއްވި ދުވަސްވަރު ކޮށްދެއްވި އަގުހުރި ޚިދުމަތަށް އޯއައިސީގެ ފަރާތުންވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރ ޑރ. ޝަހީމްވަނީ 2019-2021 އަށް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަން ކުރައްވާފައެވެ. އަދި އޯއައިސީގެ ވޮއިސް އޮފް ވިޒްޑަމް ސެންޓަރުގެ އިންޗާޖުކަމާއި އޯއައިސީން ތައްޔާރުކުރި އިސްލާމިކް އިންސައިކޮލޮޕީޑިއާ އެކުލަވާލުމުގައި ވެސް ޑރ ޝަހީމްވަނީ ވިލަރެސްކުރައްވާފައެވެ.