މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ޕީއެސްއެމް އިން ބާއްވާ ބަހުސް މިރޭ އޮންނާނެއެވެ. މި ބަހުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭގެ 21:00 ގައެވެ.
ޕީއެސްއެމްއިން ބާއްވާ މޭޔަރު ބަހުސްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ 5 ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ މާލޭގެ މޭޔަރު އިންތިޚާބެއްގައި މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.
• ކެންޑިޑޭޓް ނަންބަރު 1: ޝުއައިބު އަލީ / އަމިއްލަގޮތުން
• ކެންޑިޑޭޓް ނަންބަރު 2: ހުސައިން ވަހީދު / އަމިއްލަގޮތުން
• ކެންޑިޑޭޓް ނަންބަރު 3: އައިޝަތު އާޒިމާ ޝަކޫރު / ޕީއެންސީ
• ކެންޑިޑޭޓް ނަންބަރު 4: އާދަމް އާޒިމް / އެމްޑީޕީ
• ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް
ޕީއެސްއެމްއިން މުހިންމު އެކި އިންތިޚާބުތަކާ ދިމާކޮށް ބަހުސްތައް ބާއްވަނީ އެ އިންތިޚާބެއްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތަޞައްވުރު ރައްޔިތުންނާ ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ. އެގޮތުން، މި ފަދަ ބަހުސްތަކުގެ ސަބަބުން ރައްޔިތުންނަށްޓަކައި ނުވަތަ ދާއިރާގެ ތަރައްޤީއާއި ލާބައަށްޓަކައި ކެންޑިޑޭޓުން ކުރައްވަން ނިންމަވާފައިވާ ކަންކަން ބަހުސްގެ ޒަރީއާއިން ރައްޔިތުންނަށް ތިލަކޮށް ކިޔައިދިނުމުގެ ފުރުޞަތު އެ ކެންޑިޑޭޓުންނަށް ލިބިވަޑައިގަންނަވައެވެ.
މާލޭ މޭޔަރު ބަހުސް މިރޭ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ބަހުސް ފެށުމުގެ ކުރިން، ޕްރީ ޝޯ މިރޭ 20:30 ގައި ފަށާނެއެވެ. ބަހުސް އާއި ޕްރީ ޝޯވވެސް ޓީވީއެމް، ޕީއެސްއެމް ނިއުސް އަދި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދޭނެއެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެންނެވެ. މޭޔަރުގެ އިތުރުން ސިޓީ ކައުންސިލުގެ އިތުރު 3 ގޮނޑިއެއް ވަނީ ހުސްވެފައެވެ. އެ ގޮނޑިތަކަށް މެންބަރުން އައްޔަން ކުރާނީ ވެސް މިމަހުގެ 13 ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަނުގައެވެ.