ޚަބަރު

ހަވީރުގެ ހިއްސާދާރުން ގުޅިގެން ނޫސް ހިންގުމަށް އިލްތިމާސްކޮށްފި


ހަވީރު ނޫހުގެ ކުރިމަގު ހަލާކުވެދާނެ ގޮތަށް ކަންކަން ނުކުރައްވައި، ހުރިހާ ޙިއްޞާދާރުން ވާހަކަދައްކަވައިގެން ހަވީރު ނޫސް އަލުން ހިންގަން ފެށުމަށް އެނޫހުގެ މުޢާމަލާތުތަކުން އެކަހެރި ކުރެވިފައި ތިއްބެވި ޙިއްޞާދާރުން އިލްތިމާސްކުރައްވައިފިއެވެ.

މިކަމަށް އިލްތިމާސްކުރެއްވީ މިކަމާ ގުޅޭގޮތުން އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަން އަދި މުޙައްމަދު ނަޢީމްގެ ފަރާތުން ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.

ހަވީރުގެ މިލްކުވެރިކަމާ ގުޅިގެން ހުށައެޅި މައްސަލައެއްގައި ސިވިލް ކޯޓުން ވަނީ ހަވީރުގެ ޙިއްޞާދާރުންގެ މައްސަލައެއް ބައްލަވައި، އެ ނޫހުގެ ޙިއްޞާދާރުންކަމަށްވާ އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަނާ ނުލައި ހަވީރުގެ އޮޕަރޭޝަންތައް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރުއްވާފައެވެ. އަދި މި އަމުރަށްފަހު ހަވީރު އޮންލައިނާއި، ހަވީރު ނޫސް ނެރުން ވަނީ ހުއްޓާލާފައެވެ.

ހަވީރުގެ ޙިއްޞާދާރުންގެ ތެރެއިން ހަވީރު ހިންގުމުން އެކަހެރިކުރެވިފައި ތިއްބެވި ޙިއްޞާދާރުންކަމުގައިވާ އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަނާއި، މުޙައްމަދު ނަޢީމްގެ ފަރާތުން ނެރުއްވި ބަޔާނުގައި ވަނީ ހަވީރުގެ ޙިއްޞާދާރުންގެ މެދުގައި އުފެދިފައިވާ މައްސަލައަކާ ގުޅިގެން ހަވީރު އޮންލައިނާއި ހަވީރު ނޫހުގެ ޚިދުމަތް ހުއްޓާލުމުން، އެކަމުގެ ގެއްލުން ދިވެހި ނޫސްވެރިކަމަށާއި، ހަވީރުގެ މުއައްޒަފުންނަށާއި، ވިޔަފާރި ޕާރޓްނަރުންނަށް ކުރިމަތިވަމުންދާ ކަމަށާއި، އެއީ ޙިއްޞާދާރުންގެ ޙައިޞިއްޔަތުން އެބޭފުޅުން އެދިވަޑައިގަންނަވާ ގޮތް ނޫންކަމަށެވެ.

މިބަޔާނުގައި ހަވީރުގެ މިލްކުވެރިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އަދި އެނޫންވެސް ފޯރަމްތަކުގައި ހަޤީޤަތާ ޚިލާފް މަޢުލޫމާތު ފަތުރަމުންދާކަމަށް ވިދާޅުވެ، އެކަން ކުއްވެރިކުރައްވާފަވެއެވެ. އަދި މިލްކުވެރިކަމާމެދު އުފެދިފައިވާ މައްސަލައިގައި ހައިކޯޓުން އިއްވާފައިވާ ޙުކުމަށް ބޯލަނބައި، 4 ޙިއްޞާދާރުން ކަމަށްވާ ޑރ. މުޙައްމަދު ޒާހިރު ޙުސައިނާއި، އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަނާއި، މުޙައްމަދު ނަޢީމް ގުޅިވަޑައިގެން ހަވީރުގެ ތަރައްޤީއަށް މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައިވެއެވެ.

1978 ވަނަ އަހަރުން ފެށިގެން ހިންގަމުންއައި ހަވީރު ނޫހަކީ ރާއްޖޭގެ އެންމެ ގިނަދުވަސްވީ ދުވަހު ނޫހެވެ.