ދިވެހިރާއްޖޭގައިވެސް އެންމެ ގިނައިން މީހުން މަރުވާ ހަތަރު ބަލީގެ ތެރޭގައި ހަކުރުބަލި ހިމެނޭކަން ފާހަގަކުރެވޭކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ދިވެހިރައްޔިތުންށް ދެއްވި ޚިޠާބުގައެވެ.
ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ދިވެހިރައްޔިތުންށް ދެއްވި ޚިޠާބުގައި ހެލްތު މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ އާބާދީގެ %80 މީހުންނަށް ޅައުމުރުގައި މަރުވާ، ނޫނީ ނުކުޅެދުންތެރިކަން މެދުވެރިވުމަށް ދިމާވާ މައިގަނޑު ހަތަރުބަލީގެ ތެރޭގައި ހަކުރުބަލި ހިމެނެއެވެ. ހެލްތު މިނިސްޓަރގެ ވާހަކަފުޅުގައި ދުނިޔޭގައި ހަކުރުބަލި ޢާންމުވެފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
" ލަފާކުރެވޭ ގޮތުގައި ދުނިޔޭގެ އާބާދީގައި އުމުރުން 18 އަހަރުން މަތީގެ ކޮންމެ 10 މީހުންގެ ތެރެއިން އެކަކީ ހަކުރު ބަލީގެ މީހެއް. އަދި ހަކުރު ބަލިޖެހިފައިވާ350 މިލިޔަން މީހުން މިހާރުވެސް ތިބިކަމަށް އަންދާޒާ ކުރެވޭ. އޭގެތެރެއިން ބޮޑު އާބާދީ އެއް ހިއްސާކުރަނީ ދަށް އަދި މެދުފަންތީގެ ގައުމުތަކުން. މިއަދު ހަކުރު ބަލި ފާހަގަކުރެވެނީ ހުރިހާ ގިންތި އެއްގެ މީހުންގެ މެދުގައިވެސް އާންމު ބައްޔެއްގެ ގޮތުގައި." ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ ވިދާޅުވި ގޮތުގައި ދެކުނު އޭޝިޔާގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ދިވެހިރާއްޖޭގައި ހަކުރު ބައްޔަށް މަގުފަހިވާ ފަދަ ކަންތައްތައް އާންމުންގެ މެދުގައި އިތުރުކަން ފާހަގަކުރެއްވެއެވެ. ހަކުރު ބައްޔަށް މަގުފަހިވާ ކަންތައްތަކަކީ އިޤްތިޞާދީ ގޮތުން ޤައުމުތަކަށް ގެއްލުންލިބޭ ކަމުގައި ފަހުގެ ދިރާސާތަކުންވެސް ފާހަގަކުރެވެއެވެ.