ޚަބަރު

މަސްވެރިކަމާ ބެހޭ ތަޢުލީމާ ތަމްރީންދޭ ކޮލެޖް ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި


  • މި ކޮލެޖުން ޕީއެޗްޑީއާއި ހަމައަށް ކިޔެވޭނެ

  • ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ތަމްރީން ހޯދޭނެ

  • މިއީ މިދާއިރާއިން މަތީ ތަޢުލީމު ފޯރުކޮށްދޭނެ ފުރަތަމަ މަރުކަޒަށްވާނެ

މަސްވެރިކަމާ ބެހޭ ތަޢުލީމާ ތަމްރީންދޭ ކޮލެޖް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ޤައުމީ ޔުނިވަރސިޓީގައެވެ.

މަސްވެރިކަން ތަރައްޤީކުރުމަށް ޚާއްޞަ ޙާއްސަ ކޮލެޖެއް ޤާއިމްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިކަން ސަރުކާރުގެ ހަފްތާ14 ގައިވެސް ވަނީ ހިމަނުއްވަފައެވެ.

މި ކޮލެޖް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަޙްމަދު ޝިޔާމްއެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދުގައި ވަރަށް މުހިންމު ދައުރެއް މަސްވެރިކަމުގެ ސިނާއަތް ހިއްސާކުރާއިރު މި ދާއިރާ ތަރައްޤީކުރެއްވުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްކަމަށެވެ. މަސްވެރިކަމާއި ބެހޭ ޤާނޫނުގައި މަސްވެރިކަން ތަރައްޤީކުރުމަށް ތަމްރީން ދިނުން ކަނޑައަޅުއްވާފައިވާއިރު މި ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު މިކަމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިޤްތިޞާދަށް މަންފާ ހޯދޭނެ ގޮތްތަކަށް ސަރުކާރުން މަސައްކަތްކުރާކަމަށާއި މި ކޮލެޖް ވެގެންދާނީ މިކަމަށް މަގު ފަހިވެގެންދާނެ ތަނަކަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އައު ސަރުކާރާއި އެކީގައި މަސްވެރި ވުޒާރާ ފެށިއިރުގައި ވަރަށް ބޮޑަށް މިވަނީ ވުޒާރާގެ މެންޑޭޓްއަށްވެސް ބަދަލު އައިސްފައި. ހަމައެކަނި މަސްވެރިކަން ރެގިއުލޭޓްކޮށް، މަސްވެރިކަމުގެ ހަރަކާތްތައް ސްޕަވައިޒްކުރަން އޮންނަ މުވައްސަސާއެއްގެ ބޮޑަށް މި ސިނާއަތުގައި ހުރި ފުރުސަތުތަކާއި މި ސިނާއަތުން ދިވެހިރާއްޖޭގެ އިޤްތިސާދަށް ހޯދޭނެ މަންފާ އެކްސްޕްލޯރ ކުރަން އެބައޮތް. އަޅުގަނޑުމެން ޤަބޫލުކުރަނީ މިފަދަ ތަމްރީނާއި ތައުލީމް ދެވޭނެ ޕްލެޓްފޯމެއް ޤާއިމްވެގެންދާއިރު އަޅުގަނޑުމެން މިދަންނަވާ މަޤްސަދު ހާސިލްކުރުމަށްޓަކައި ކޮށޭނެ ވަރަށް ބޮޑު މަގަކަށް ވެގެންދާނެ." ޝިޔާމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހްމޫދު ޝައުޤީ ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީއަކީ 50 އަހަރުގެ ތާރީޚެއް އޮތް މުއައްސަސާއެއްކަމަށެވެ. އެކި ރޮނގު ރޮނގުން ތައުލީމާއި ތަމްރީން ލިބޭނެ މަގު ޤައުމީ ޔުނިވަރސިޓީގައި ޤާއިމްވެފައިވީނަމަވެސް މަސްވެރިކަމުގެ ސިނާއަތުން މި ތަމްރީން ލިބޭނެ މަގު ފަހިވެފައިނުވާކަން ޗާންސެލަރ ފާހަގަކުރެއްވިއެވެ. ނަމަވެސް މި ކޮލެޖާއެކު މަސްވެރިކަމުގެ ދާއިރާއިން ތަމްރީން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށާއި މިއީ ވަރަށް މުހިންމު ކޮލެޖަކަށް ވެގެންދާނެކަމަށް ޗާންސެލަރ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ނަޒަރުގައި ލަސްވެސްވެއްޖެ ފިޝަރީޒް ޓްރެއިނިން އިންސްޓިޓިއުޓް އަޅުގަނޑުމެގެ އާއިލާއާއި ގުޅެނީ މިއަދު މި ސޮއިކުރެވޭ އެމްއޯޔޫއާއިއެކީގައި. ޤައުމީ ޔުނިވަރސިޓީއަށް ތާރީހީ ދުވަހެއް މިއީ. ރާއްޖެއަކީ %99 ކަނޑުގެ ޖަޒީރާ ޤައުމަކަށް ވާއިރުގައި އަދި އަޅުގަނޑުމެންގެ މުސްތަޤްބަލް ބިނާވެފައި ވަރަށް ބޮޑަށް އޮތީ އަޅުގަނޑުމެންގެ ކަނޑުގެ ވަސީލަތްތަކަށް ކަމަށްވާއިރުގައި އެކަމުގެ އިލްމީ ދިރާސާކުރާ ސެންޓަރެއް މި ޔުނިވަރސިޓީގައި އުފެދުމަކީ ވަރަށް މުނާސަބުކަމެއްކަމުގައި ދެކެން." ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރ ވިދާޅުވިއެވެ.

މި ޔުނިވަރސިޓީގައި ޕީއެޗްޑީއާއި ހަމައަށް ކިޔެވުމުގެ މަގު ފަހިވެގެންދާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ޔުނިވަރސިޓީ ވެގެންދާނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުންވެސް އައިސް މަސްވެރިކަމާއި ބެހޭ ތަމްރީން ހޯދާ ތަނަކަށްކަމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.