ރާއްޖޭގައި ވެލިއު އެޑްކުރި ނުވަތަ އަގު އެއްކުރި މަހުގެ އުފެއްދުންތައް އުފެއްދުމަށް ޖަޕާން ސަރުކާރަށް އެހީތެރިވެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޓީއާއި އެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިކަން ކުރިއެރުވިދާނެ ގޮތްތަކާއި އެކަމުގައި ޖަޕާނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.
ޖަޕާނުގެ ސަފީރުވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ލިބެން އަންނަނީ އަގު އެއްކުރި ނުވަތަ ވެލިއު އެޑް މަހުގެ ގޮތުގައި އެކްސްޕޯޓްކޮށްގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމެއްކަމަށެވެ.
"ޖަޕާން އެމްބެސެޑަރވެސް އެއްބަސްވޭ ރާއްޖޭގައި ވެލިއު އެޑްކޮށްގެންކަން އާމްދަނީ އިތުރުކުރެވޭނީ. ޖަޕާން ސަރުކާރަކީ ރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމުގައި ވަރަށް ބޮޑަށް ޝާމިލްވި ފަރާތެއް. މިހާރު ރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ހުރި އުނދަގޫތައް ހައްލުކުރުމަށްޓަކައި ވެލިއު އެޑްކޮށްގެން ބޭރުކުރުމުގައި ޖަޕާނަށް ކޮށްދެވޭނީ ކޮންކަންތަކެއްތޯ. ކޮން ދިމަދިމާއަކުންތޯ ބައިވެރިވެވޭނީ. ކިހާވަރަކަށް ކޮންގޮތަކަށްތޯ އެވާހަކަތައް ދެކެވުނީ." މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
Ambassador Takeuchi paid a courtesy call on Minister @Shiyamaldives of @MFORmv. We discussed wide-ranging topics such as the project to enhance capacities of fisheries sector by JICA, fish processing by Japanese enterprises and potential areas of next engagements. pic.twitter.com/p2o9GfrQIE
— Embassy of Japan in Maldives (@JapaninMaldives) December 26, 2023
ޝިޔާމް ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީން ދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށެވެ.
އެގޮތުން މަސް ބާނައިގެން ފެސިލިޓީތަކަށް ދާންވާއިރަށް އެ މަސް ހަލާކުވާ ހަލާކުވުމާއި، އެން ގެންގުޅުމުގައިހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ޖަޕާނު ސަރުކާރާ، މަސްވެރިކަމާއި ބެހޭ ވުޒާރާއާއި، ޖައިކާއާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޖަޕާންގެ ސަރުކާރާއި ޔުނިވަރސިޓީތަކާއި ގުޅިގެން އެކިކަހަލަ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.