ޚަބަރު

ޕެންޝަން ސްކީމު ހިންގުމަށް ނަގާ އިދާރީ ފީ ކުޑަކޮށްފި


  • މި ބަދަލަށް އަމަލުކުރާނީ އަންނަ ޖަނަވަރީ 1 އިން ފެށިގެން

  • ދެން ޕްރީ ރިޓަޔަމަންޓް ފަންޑުތަކުން ނަގާނީ %0.5

  • އަދި ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކުން ނަގާނީ %0.3

  • ޕެންޝަން އޮފީސް އުފައްދާފައިވަނީ، 2009 ވަނަ އަހަރު

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމު ހިންގުމަށް ނަގާ އިދާރީ ފީ ކުޑަކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމަވައިފިއެވެ. ފެންޝަން ސްކީމު ހިންގުމަށް ނަގާ އިދާރީ ފީއަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ނަގާ ފީއެކެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމު ހިންގުމަށް ނަގާ އިދާރީ ފީ ކުޑަކުރުމަށް ނިންމައި މިހާރު ވަނީ ގެޒެޓްގައިވެސް އާންމުކުރައްވާފައެވެ.

އެގޮތުން ޕްރީ ރިޓަޔަމަންޓް ފަންޑުތަކާއި ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކުން މިހާރު އަހަރަކަށް ނަގަމުން އަންނަނީ %0.6 އެވެ. ފީ ކުޑަކުރުމާއިއެކު ދެން ޕްރީ ރިޓަޔަމަންޓް ފަންޑުތަކުން ނަގާނީ %0.5 އެވެ. އަދި ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކުން ނަގާނީ %0.3 ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހުން ވިދާޅުވެއެވެ.

މިބަދައަށް އަމަލުކުރަން ފަށާނީ އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

ޕެންޝަނަކީ އެމީހަކު އުމުރުން ދުވަސްވުމުން ނުވަތަ ރިޓަޔަރވުމަށް ފަހުގައި ބޭނުންކުރުމަށް އެއްކުރާ ފައިސާއެވެ. އަދި އާމްދަނީއެއް ނުލިބޭ އުމުރުން ދުވަސްވީ މީހުންނަށް ދަޢުލަތުންދޭ ފައިސާވެސް މީގެތެރޭގައި ހިމެނެއެވެ.

ރާއްޖޭގައި ޕެންޝަން އޮފީސް އުފައްދާފައިވަނީ، 2009 ވަނަ އަހަރު ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤު ކުރެއްވުމާ ގުޅިގެންނެވެ.