ޚަބަރު

ބޭހަކުން ނުރައްކާތެރި ކެމިކަލް ދެނެގަތުމުން، ސިއްޙަތު ޖަމްޢިއްޔާގެ ތަޢުރީފް ރާއްޖެއަށް


  • ކުޑަކުދިންނަށް ދޭ ބޭހަކުން ނުރައްކާތެރި 2 ކެމިކަލެއް ރާއްޖެއިން ދެނެގަތް

  • މިކަން ޑަބްލިއުއެޗްއޯއާއި އެހެން ޤައުމުތަކުގެ ސަމާލުކަމަށް ގެނައި

  • ޑަބްލިއުއެޗްއޯއިން ވަނީ ރާއްޖެއަށް ތައުރީފުކޮށްފައި

ކުޑަކުދިންނަށް ދޭ ބޭހެއްގައި ނުރައްކާތެރި 2 ކެމިކަލެއް ހުރިކަން އިސްވެ ރާއްޖެއިން ދެނެގަތުމާއި ގުޅިގެން، ދުނޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ވަރަށް ބޮޑަށް ތަޢުރީފްކޮށްފިއެވެ. މި 2 ކެމިކަލް ހުރިކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނެސްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ، އެމްއެފްޑީއޭއިންނެވެ.

ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގައި އުފައްދާ ސިރަޕްތަކުން "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރިކަން އެންމެ ފުރަތަމަ ފާހަގަވެފައިވަނީ އެމްއެފްޑީއޭއަށެވެ. މި 2 ކެމިކަލްގެ ކިތަންމެ ކުޑަ ބާވަތަކީވެސް ކުޑަކުދިންގެ ފުރާނައަށް ނުރައްކާވާ 2 ބާވަތެވެ. މިކަމާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ މި 2 ކެމިކަލް ދެނެގަތުމަށް އެމްއެފްޑީއޭއިން ކޮށްފައިވާ މަސައްކަތަކީ ސިއްހަތު ހިމާޔަތް ކުރުމުގައި މުޅި ދުނިޔެއަށް ދެއްކި ނަމޫނާއެއްކަމަށެވެ.

މީގެއިތުރުން ހޮޑު މަނާކުރަން އުފައްދާ އެމިޑޮން ސަސްޕެންޝަން ކިޔާ ބޭހުގައި ވެސް އޭގެ ކެމިކަލް ހުރިކަން އެމްއެފްޑީއޭއަށް ދެނެގަނެވުމުން، ޑަބްލިއުއެޗްއޯ އަދި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓްރީ އޮތޯރިޓީން ވަނީ އެކަން ޔަގީންކުރަން ޓެސްޓު ހަދާފައެވެ.

ޑަބްލިއުއެޗްއޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ޖަމުޢިއްޔާއިން ދާދިފަހުން އެކުލަވާލި ޓެސްޓު ކުރުމުގެ އައު އުސޫލުގެ ދަށުން ތަޣައްޔަރުވެފައިވާ މާއްދާ ދެނެގަތް ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށެވެ. މި ބޭހަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބޭނުންކުރަމުންދާ ބޭހަކަށް ވުމާއިއެކު ރާއްޖެއިން މިކަން ދެނެގަތުމަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތު ރައްކާތެރިކުރުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްއެފްޑީއޭގެ ސީނިއަރ ފާމަސިސްޓް އައިޝަތު ޖަލީލާ ވަނީ ކުޑަކުދިންނަށް ދޭ ސިރަޕްގައި ހުރި ނުރައްކާތެރި 2 ކެމިކަލް ރާއްޖެއަށް ދެނެގަނެވުމާއިއެކު މިކަމުގައި އަމަލުކުރެއްވިގޮތް ވިދާޅުވެދެއްވާފައެވެ. އެގޮތުން ޑަބްލިއުއެޗްއޯއާއި އަދި އެހެން ޤައުމުތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ހަމަ ވަގުތުން ރާއްޖޭގެ މާކެޓްގައި ހުރި ހުރިހައި ޕްރޮޑަކްޓް ވަގުތުން ބޭންކުރެވި ހުރިހައި ފާމަސީތަކަކުންނާއި ހުރިހައި ހެލްތް ފެސިލިޓީތަކަކުން މި ޕްރޮޑަކްޓްތައް ވާނީ ނަގާފައި. އަދި ވަގުތުން މިކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައިން. ޑަބްލިއުއެޗްއޯ މެދުވެރިކޮށް މި ރީޖަންގެ ބައިވަރު ގައުމުތަކުގައި އެބަހުރި ކުންފުނީގެ ޕްރޮޑަކްޓްތައް. އެ ޤައުމުތަކަށްވެސް އަޅުގަނޑުމެން އެލާރޓް ކޮށްދިނިން." އައިޝަތު ޖަލީލާ ވިދާޅުވިއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ބޭހުގެ ޔަޤީންކަން ކަށަވަރު ކުރުމަށްޓަކައި އެ އިދާރާއިން މިހާރު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. އެގޮތުން މީގެފަހުން ބޭސް އެތެރެކުރެވޭނީ ލެބޯރެޓަރީ ޓެސްޓު ރިޕޯޓެއް ހުށައެޅުމުންކަމަށް އެމްއެފްޑީއޭއިން ވަނީ ވިދާޅުވެފައެވެ. އަދި އެގޮތުން ބޭސް އުފެއްދުމުގައި ބޭނުންކުރާ އެކްސީޕިއަންޓްގައިވެސް ކެމިކަލް ނެތްކަން ރަޖިސްޓްރޭޝަން މަރުހަލާގައިވެސް ހުށައަޅަންޖެހޭ ގޮތަށް ޕްރޮޑަކްޓް ރަޖިސްޓްރޭޝަން ގައިޑްލައިންއަށް ބަދަލުގެނެސްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، މުސްތަޤްބަލްގައި ރާއްޖެއަށް މިފަދަ ބޭހެއް އެތެރެވުން ހުއްޓުވުމަށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައްވެސް އަޅަމުންދާނެކަމަށެވެ. އެގޮތުން މާކެޓުން ސާންޕަލް ނަގައިގެން މިއަށްވުރެ އަވަހަށް ބޭސްތައް ޓެސްޓުކުރުމުގެ ކަންކަން ކުރިއަށްގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.