ޚަބަރު

އެފްރިކަން ޕްރައިވެޓް ލިމިޓެޑް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި


  • މިބާޖު އެރަށު ފަރަށް އެރީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި

  • ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށް އީޕީއޭއިން ދިރާސާއެއް ވަނީ ހަދާފައި

  • ޖޫރިމަނާ ފައިސާ ދެއްކުމުގެ މުއްދަތަކީ 30 ދުވަސް

ފުވައްމުލަކަށް ބޮޑު ހިލަ ހިފައިގެން ދިޔަ ބާޖެއް އެރަށު ފަރަށް އަރާ ފަރަށް ގެއްލުން ލިބިފައިވާތީ އެބާޖުގެ ވެރިފަރާތް ކަމަށްވާ އެފްރިކަން ޕްރައިވެޓް ލިމިޓެޑް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ހާމަކުރި ގޮތުގައި އެފްރިކަން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ ފުވައްމުލަކު އިރު ދެކުނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ބޭނުމަށް ހަދާފައިވާ ވަގުތީ ޖެޓީއަށް މެއިންލޭންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން ރާއްޖެއަށް ހިލަ ހިފައިގެން ދިޔަ "އޮލިމްޕިކް ކެންޑިލޯ" ނަމަކަށް ކިޔާ ބާޖުން ހިލަ ބޭލުމަށް ޖެޓީއާ ކައިރި ކުރުމުގެ ތެރޭގައި ހިލަތައް ފުވައްމުލަކު ފަރުމައްޗަށް އެޅި ގެއްލުން ލިބުމާ ގުޅިގެންނެވެ.

އީޕީއޭއިން ބުނީ މިހާދިސާއާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް ސަރވޭ ކޮށްފައިވާ ކަމަށާއި، މިސަރވޭއިން ފުވައްމުލަކު ފަރުގެ 4306 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ދެނެގަނެވިފައިވާ ކަމަށެވެ. އަދި ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

އީޕީއޭއިން ބުނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި، ބަދަލު ހޯދުމުގެ ދަށުން ފުވައްމުލަކު ފަރުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ޖޫރިމަނާގެ ބަދަލުގެ ގޮތުގައި 162،745،500 (އެއްސަތޭކަ ފަސްދޮޅަސް ދެ މިލިއަން ހަތްލައްކަ ސާޅީސް ފަސްހާސް ފައްސަތޭކަ) ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އެންމެ ބޮޑު އަދަދަކީ އެއްސަތޭކަ މިލިއަން ރުފިޔާ ކަމަށްވާތީ ބާޖުގެ ވެރި ފަރާތް ކަމަށްވާ އެފްރިކަން ޕްރައިވެޓް ލިމިޓެޑް މިއަދަދުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ޖޫރިމަނާއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކާ ނިންމުމަށް އަންގާފައިިވާ ކަމަށްވެސް އީޕީއޭއިންވަނީ ހާމަކޮށްފައެވެ.

އަދި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ބާޖު ފަރަށް އުރިގެން ލިބުނު ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެރުިކޮށް ހޯދުމުގެ މަސައްކަތް ޖޫރިމަނާގެ އިސްތިއުނާފް މަރުހަލާ ނިމުމުން އެޓަރނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އީޕީއޭއިން ހާމަކުރެއެވެ.