ނޫސްވެރިންގެ ހައްޤުތައް ހޯދުމަށްކަމަށް ބުނެ މާލޭގައި މިއަދު ބޭއްވި އެއްވުމުގެ ތެރެއިން ބަޔަކު ހައްޔަރުކުރަން ޖެހުނީ ޤާނޫނާއި ޚިލާފު ޢަމަލުތައް އެފަރާތްތަކުން ހިންގުމުންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންތަކެއް ބޭއްވި އެއްވުމާއި ގުޅިގެން ފުލުހުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެއްވުމުގެ ތެރެއިން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސަލާމަތީ ގޮތުން ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ހުރަސްކޮށް، ޤާނޫނީގޮތުން އެއްވުން މަނާ ސަރަޙައްދަކަށް އެއްވެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމުންކަމަށެވެ. މިއެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް 19 މީހަކު ގެންގޮސް، އެ މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ. މީގެ ތެރޭގައި 7 އަންހެނުންނާއި، 12 ފިރިހެނުން ހިމެނޭކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.
ފުލުހުން ވިދާޅުވީ، އެއްވުމުގައި ނޫސްވެރިންނަށް ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފުލުހުން ދީފައިވަނިކޮށް އެއްވުމުގެ ބައިވެރިން ސަލާމަތީ ގޮތުން ފުލުހުން ބަހައްޓާފައިވާ ބެރިކޭޑް ހުރަސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް ދާން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ސަރަޙައްދަކީ ޤާނޫނީ ގޮތުން އެއްވުން މަނާ ސަރަޙައްދެއްކަން އެނގިތިބެ، މިއަދުގެ އެއްވުމުގެ ބައިވެރިން ރައީސް އޮފީސް ކުރިމަތީ އެއްވެގެން ތިބެ އިޙްތިޖާޖް ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެސަރަޙައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް އެންގުމުންވެސް އެސަރަޙައްދުން ނުގޮސް، އެއްވުމުގެ ބައެއް ބައިވެރިން ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
img:http://s4.psmnews.mv/images/660x400/14597062343351.jpg|ނޫސްވެރިންގެ އިހްތިޖާޖުގައި ބައިވެރިވި ނޫސްވެރިންތަކެއް ރައީސް އޮފީސް ކައިރީ ހަރަކާތްތެރިވަނީ / ފޮޓޯ: ސޯޝަލް މީޑިއާ
މީގެ އިތުރުން، އެއްވުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރަން ފެށުމުން އެއްވުމުގައި ބައިވެރިވި ބައެއް މީހުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނާ ކުރިމަތިލާން މަސައްކަތް ކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެއްވުމުގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ނުދިއުމުން، ހާލަތާ އެކަށޭނަ އެންމެ ކުޑަ މިންވަރުގެ ބާރުގެ ބޭނުންކޮށް އެއްވުމުގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލާފައިވާކަމަށްވެސް ފުލުހުން ބަޔާނުގައިވެއެވެ. މި ޙާދިސާ ފުލުހުން ސިފަކުރައްވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންތަކުން ބޭރުން އަދި ނޫސްވެރިކަމުގެ ޕްރޮފެޝަނަލް މަސައްކަތުގެ ބޭރުން ގެންދިޔަ ޙަރަކާތެއްގެ ގޮތުގައިކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ. އަދި މިއީ ނޫސްވެރިކަމުގެ ކަންކަން ބަލަހައްޓަން ޤާނޫނީ ގޮތުން ޙަވާލުކޮށްފައިވާ މުއައްސަސާތަކުން މިފަދަ ކަންކަމުގައި ޒިންމާދާރު ގޮތެއްގައި މަސައްކަތް ކޮށްފިނަމަ ހުއްޓުވޭނެ ކަންކަން ކަމުގައިވެސް ފުލުހުން ވިދާޅުވެއެވެ.
މިފަދަ ޙާދިސާތައް ކުރިމަގުގައި ތަކުރާރު ވިޔަ ނުދިނުމަށް މީޑިއާގެ ޒިންމާދާރު ފަރާތްތަކުންނާއި، މީޑިއާތަކުން މަސައްކަތްކޮށްދެއްވައި، މުޒާހިރާ ކުރުމާއި އިޙްތިޖާޖް ކުރުމުގެ ބަދަލުގައި މަޝްވަރާ ކޮށްގެން ކަންކަމަށް ޙައްލު ހޯދުމަށްވެސް ފުލުހުން ނެރުއްވި ބަޔާނުގައި ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރައްވާފައިވެއެވެ.