ޒަރޫރީ ބައެއް ބާވަތްތަކުގެ އަގުތައް ރާއްޖޭގެ ބާޒާރުގައި ދޭތެރެ ދޭތެރެއިން އުފުލެއެވެ. ސަބަބެއްކަމަށް ވިޔަފާރިވެރިން ބުނަމުންދަނީ އެތަކެތި ލިބުމުގައި ހުރި ދަތިކަމެވެ. މިފަހަރު އަގު މަތިވެގެން މިއުޅެނީ ދިވެހިން ކެއުމުގައި އެންމެ އާންމުކޮށް ބޭނުންކުރާ ފިޔާގެ އަގެވެ.
ދާދިފަހުން އިންޑިއާގެ ނޫހެއް ކަމުގައިވާ ދަ އިންޑިއާން އެކްސްޕްރެސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާ ސަރުކާރުން ވަނީ އެ ޤައުމުން ފިޔާ އެކްސްޕޯޓްކުރުން މަޑުޖައްސާލުމަށް ނިންމާފައެވެ. މި ނިންމުން ނިންމާފައި ވަނީ، 2024 ވަނަ އަހަރު އެޤައުމުގައި ބާއްވާ އާންމު އިންތިޚާބުގެ ވޯޓުލުމާއި ދިމާކޮށް އިންފްލޭޝަން ދަށްކުރުމުގެ ގޮތުންކަމަށް ވަނީ ރިޕޯޓްކޮފައެވެ. ނަމަވެސް މި ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުން ވަކި ޝަރުޠުތަކަކާއި ހަމަތަކުގެ ތެރެއި ފިޔާ އެކްސްޕޯޓް ކުރެވޭނެ ކަމުގައި އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.
މި ހަބަރު އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރުމާއިއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ވަނީ ވިޔަފާރިވެރިން ވަރަށް ބޮޑަށް އުފުލާލާފައެވެ. ނަމަވެސް އަގުތައް އިންތިހާއަށް ވިޔަފާރިވެރިން އުފުލާފައިވަނީ ރާއްޖެއަށް ފިޔާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަޤީންކަން ސަރުކާރުން ތަކުރާރުކޮށް ދެމުން ދަނިކޮށެވެ.
މިކަމާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ، މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން، ބައެއް ޤައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ވަގުތީގޮތުން މަޑުޖައްސާލާފައިވީ ނަމަވެސް ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިކަމެއް ދިމާވާނެ ފަދަ އެއްވެސް ފިޔަވަޅެއް އެ ޤައުމުން އަޅާފައިނުވާކަމަށެވެ. އަދި ރާއްޖެއަށް ފިޔާ އިމްޕޯޓްކުރާ ބައެއް ފަރާތްތަކާއި އެ ވުޒާރާއިން ކުރި މަޝްވަރާތަކުގައި އެފަރާތްތަކުން ރާއްޖެއަށް ދަތިކަމެއްނެތި ފިޔާ އިމްޕޯޓްކުރެވޭނެކަމުގެ ޔަޤީންކަން ދީފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ، ތަފާތު 23 ވިޔަފާރިއަކުން އަގުބަލައި ކުރި ދިރާސާއިން ދައްކާގޮތުން މިދިޔަ ނޮވެމްބަރުމަހުގެ 23 ވަނަ ދުވަހާއި އަޅާބަލާއިރު މިމަހުގެ 10 ވަނަ ދުވަހު ބާޒާރުގައި ފިޔާގެ އަގު %20 އާއި %50 އާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާކަން ފާހަގަވެފައިވާކަމަށެވެ.
ބާޒާރުގައި މީގެކުރިން ފިޔާ ކިލޯއެއް ވިއްކާފައިވަނީ 18 ރުފިޔާއާއި 20 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ނަމަވެސް މިއަދު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 40 ރުފިޔާއާއި 38 ރުފިޔާއާއި ދޭތެރޭގައެވެ.
ފިޔައަކީ ދިވެހިން ކެއުމުގައި ކޮންމެ ދުވަހަކުވެސް ބޭނުންކުރާ އެންމެ ޒަރޫރީ އެއް ބާވަތައް ވުމާއިއެކު މިފަދަ ޒަރޫރީ މުދަލެއް އަގު ބޮޑުކޮށް ވިއްކާތީ އެކަމުގެ ކަންބޮޑުވުން އާންމުންވެސް ދަނީ އުފުލަމުންނެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ ފިޔާގެ އަގު ބާޒާރުގައި އިންތިހާއަށް ބޮޑުވެގެން މިއުޅެނީ ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިކަމެއް ދިމާވެގެން ނޫންކަމެވެ. ރާއްޖެއަށް ފިޔާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ދިމާވެފައިވާކަން ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއްވެސް ނުވެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ދެއްވާ ޔަޤީންކަމަކީ މިއެވެ. އެ ވުޒާރާއިން ވިދާޅުވީ ފިޔާ އަދި އެހެނިހެން ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމަށް އެއްވެސް ދަތިކަމެއް ނެތްކަމަށާއި ޒަރޫރީ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތެއްގައި މިކަމަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް ސަރުކާރުން ދެއްވާކަމަށެވެ. އެހެންކަމުން އާންމުންނަށް ދަތިވާނެފަދަ ގޮތަކަށް ބާޒާރުގައި ފިޔާގެ އަގު ބޮޑު ނުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.