މިދިޔަ ނޮވެންބަރ މަހު ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ. މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ނޮމެންބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި ޢަދަދާއި އަދި 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހު ލިބުނު އާމްދަނީއާއި އަޅާބަލާއިރުވެސް ވަނީ އިތުރުވެފައެވެ.
މިދިޔަ މަހު މީރާއަށް 1.67 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މި ޢަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %10.5 އިތުރު އަދަދެކެވެ. އަދި، ސެޕްޓެމްބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %9.3 ގިނަ އަދަދެކެވެ.
ނޮވެންބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.12 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 110.70 މިލިއަން ރުފިޔާއެވެ.
ގްރީން ޓެކުހުގެ ގޮތުގައި 84.35 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 74.33 މިލިއަން ރުފިޔާ، ޑިޕަރޗަރ ޓެކުހުގެ ގޮތުގައި 72.93 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 205.10 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނޮވެންބަރު މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 69.32 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެންބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރ ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މި އަހަރު ޖީ.އެސް.ޓީގެ ރޭޓު އިތުރުވުމުގެ ސަބަބުން ޖީ.ޖީ.އެސް.ޓީ އަދި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި، މި އަހަރު އެކްސްޕަޓްރިއޭޓް ކޯޓާ ފީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ނުދައްކާ ހުރި ފައިސާ މީރާއިން ބަލައިގަނެފައިވާތީ، ނޮވެންބަރު 2022 އާ އަޅައިބަލާއިރު 2023 ގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
އޮކްޓޫބަރު 2022 އާ އަޅައިބަލާއިރު އޮކްޓޫބަރު 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޢަދަދު %3.5 އަށް އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީރާއިން ވިދާޅުވިގޮތުގައި މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އެކްސްޕަޓްރިއޭޓް ކޯޓާ ފީ، ޓީ.ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި ވޯރކް ޕާމިޓް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
އާމްދަނީން ނަގާ ޓެކްސް، ޓީ.ޖީ.އެސް.ޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ފާއިތުވެފައިވާ ސުންގަޑިތަކުގައި ނުދައްކާހުރި ފައިސާ ނޮވެންބަރު މަހުގެ ތެރޭގައި ދައްކައިފައިވާތީ، ނޮވެންބަރު މަހު ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދު %8 އިތުރުވުމުގެ ސަބަބުންވެސް ލިބޭނެކަމަށް އަންދާޒަކުރި އަދަދަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.