މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް ނުދެވި ހުރި ފައިސާގެ ތެރެއިން، 106 މިލިއަން ރުފިޔާ މިރޭ ދެވޭނެ އިންތިޒާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެމީހުން ކިރާ މަހަށް ފައިސާ ނުދެވި ލަސްވާ މައްސަލައެވެ. މިމައްސަލަ ހައްލުކުރެއްވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ މައްސަލައަކީ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށާއި، މަސްވެރި އާއިލާ ތަކުގެ ޒަރޫރީ އެތައް ކަމަކަށް މިކަމުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫވެފައިކަމަށެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުންކަމަށެވެ. އެހެންކަމުން އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް އެބަގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މަސްވެރިންނަށް ނުދެވި ހުރިފައިސާގެ ތެރެއިން 106 މިލިއަން ރުފިޔާ މިރޭ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް އެބަގެންދަވާ. 106 މިލިއަން ރުފިޔާ މިރޭ މަސްވެރިންނަށް ދެވޭނެ އިންތިޒާމުވެސް މިހާރުވަނީ ރައީސް ހަމަޖައްސަވާފައި. އަމާޒަކީ ދާއިމީ ޖުމްލަ ހައްލެއް ހޯދުން." ވަޒީރު ވިދާޅުވިއެވެ.
މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުން. މަސްވެެރި އާއިލާ ތަކުގެ ޒަރޫރީ އެތައް ކަމަކަށް މިލަހުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައި. ރައީސުލްޖުމްހޫރއްޔާ ގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް… pic.twitter.com/FC4aPvy6Yz
— Ahmed Shiyam (@Shiyamaldives) December 7, 2023
މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް ނުދެވި ހުރި ފައިސާގެ ތެރެއިން، މިސަރުކާރު ހަވާލުވުމަށްފަހު 30 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މީގެކުރިން ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫނުކުރާތާ 2 މަސް ވެފައިވާ ކަމަށެވެ.
މަސްވެރި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ސަރުކާރުގައި ލަސްތަކެއްނުވެ ހޯއްދައިދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެމަނިކުފާނުގެ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ދާއިމީ ޖުމްލަ ހައްލަކަށް މަސައްކަތްކުރެއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.