ޚަބަރު

ކޮޕް-28ގައި ލީޑަރުންނާއި ރައީސް ބައްދަލުކުރައްވާ، ރާއްޖެއަށް ފައިދާހުރި ގޮތްތައް ހޯއްދަވާނެ


  • "ކޮޕް28" ސަމިޓްގައި 160 ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގަންނަވާ

  • ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ

މިމަހު ފެށޭ ކޮޕް-28 ސަމިޓުގައި ގިނަ ޤައުމުތަކެއްގެ ލީޑަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވާ، ތިމާވެށީގެ ދާއިރާއިން ޤައުމަށް ފައިދާވާގޮތްތައް ހޯއްދަވާނެކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީއަށް ފުރައިވަޑައިގަތުމުގެކުރިން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޢަލީ ޝަރީފް ވިދާޅުވީ، ކޮޕް ސަމިޓުގެ ތެރެއިން ގިނަ ލީޑަރުންތަކަކާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ބައްދަލު ކުރައްވާގޮތައް ހަމަޖެހިފައިވާކަމށެވެ، އަދި އެ ފުރުސަތުގެ ބޭނުންކުރައްވާ ގައުމަށް އެންމެ ފައިދާހުރި ގޮތްތައް ހޯއްދަވާނެކަމަށް ޢަލީ ޝަރީފް ވިދާޅުވިއެވެ.

ޔޫއޭއީގައި އޮންނަ "ކޮޕް28" ސަމިޓްގައި 160 ގައުމެއްގެ ވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މި ބައްދަލުވުންތަކުގައި ދިވެހި ރާއްޖެއަށް ތިމާވެށީގެ ގޮތުން ކުރިމަތިވަމުންދާ މައްސަލަތަކާ އެމައްސަލަތައް ހައްލުކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްސާކުރައްވާނެނެކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. މޫސުމީ ބަދަލު ތަކުގެ ސަބަބުން ދިމާވާ އެކިއެކި މައްސަލަތައް ހައްލު ކުރުމަށް ފަންޑު ހޯދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ސަމިޓުގެ ތެރެއިން މަޝްވަރާކުރައްވާނެކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ވިދާޅުވިއެވެ.

"ރައީސުލްޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަރަށް ބޮޑު އަމާޒެއް ހިއްޕަވާފައި އޮތީ މި ގައުމުގެ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް، އެގޮތުން ބޮޑެތި ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައި ތިމާވެށީގެ ގޮތުން ކުރިމަތިވަމުންދާ މައްސަލަތައް އެފަރާތްތަކަށް ހިއްސާކުރައްވާނެ، އަދި އެކަމަށް ފަންޑް ހޯދުމަށްވެސް މަސައްކަތްޕުޅު ކުރައްވާނެ" ސްޕެސިއަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް ވިދާޅުވިއެވެ.

މިއަހަރުގެ ކޮޕް ސަމިޓް ކުރިއަށްދާނީ މިމަހުގެ 30 އިން އަންނަ މަހުގެ 12 ގެ ނިޔަލަށް ޔޫއޭއީގެ ދިބާއީގައެވެ.

މިއަހަރުގެ ކޮޕް ސަމިޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖެ ތަމްސީލް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުއެވެ. އަދި މޫސުމީ ބަދަލުތަކާ ތިމާވެށްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮޕް ސަމިޓް އަކީ ތިމާވެށީގެ ގޮތުން ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެއް އެކަންކަން ހައްލު ކުރުމަށާ، ތިމާވެށީގެ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަމާ ފަންނީ ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ދުނިޔޭގެ މޫސުމާ ބެހޭ އެންމެބޮޑު އެއްބަދަލުވުމެވެ.