ފެނަކަ ކޯރޕަރޭޝަނުން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމެންޓް، އީ.އައި.އޭގެ މަރުހަލާ ފުރިހަމަނުކޮށް މަސައްކަތްކޮށްފައިވާތީ، 4.2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭއިން ވިދާޅުވީ، ފެނަކަ ކޯރޕަރޭޝަން ޖޫރިމަނާކޮށްފައިވަނީ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ނުވަތަ އީ.އައި.އޭގެ މަރުހަލާ ފުރިހަމަކުރުމަކާއި ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވާތީކަމަށެވެ.
މި މައްސަލަ ބަލައި އީ.ޕީ.އޭއިން ނެރުނު ބަޔާނުގައި ވަނީ މި މައްސަލައާއި ގުޅިގެން އެއްކުރެވުނު މަޢުލޫމާތާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމުން އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކާއި ނުލައި 21 ރަށެއްގައި އިންޖީނުގެ އެޅުމުގެ މަޝްރޫގެ މަސައްކަތް ފެނަކައިން ފަށާފައި ވާކަމަށް އެޖެންސީއަށް ޔަޤީންވާކަމަށް ވިދާޅުވެފައެވެ. މި ހުރިހާ މަޝްރޫޢަކީވެސް 21 ރަށެއްގެ އިންޖީނުގެ ރަށުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ފެނަކައިން ހިންގާފައިވާ މަޝްރޫޢުތަކެކެވެ.
އަދި މީގެކުރިންވެސް ފެނަކައިން ތިމާވެއްޓަށް އަސަރުފޯރާނޭ މިންވަރު ބަޔާން ކުރާ ރިޕޯޓް ހެދުމާއި ބެހޭގަވައިދަށް 6 ފަހަރެއްގެ މަތިން ޚިލާފުވުމާއި ގުޅިގެން ފެނަކައާމެދު ފިޔަވަޅު އަޅާފައި ވާކަންވެސް އީޕީއޭއިން ވަނީ ފާހަގަކުރައްވާފައެވެ.
އީ.ޕީ.އޭގެ ބަޔާނުގައި ތިމާވެއްޓަށް އަސަރުފޯރާނޭ މިންވަރު ބަޔާން ކުރާ ރިޕޯޓް ހެދުމާއި ބެހޭ ގަވާއިދު ފުރިހަމަނުކޮށް ފެނަކައިން މަޝްރޫޢުތައް ހިންގާފައިވާ ރަށްތައްވެސް ވަނީ އާންމުކޮށްފައެވެ.
· ހދ. ފިނޭ
· ހއ. އުލިގަމް
· ހއ. އުތީމު
· ގދ. މާވަރުލު
· ށ. ފޭދޫ
· ށ. މާއުނގޫދޫ
· ހއ. ދިއްދޫ
· ރ. ރަސްގަތީމު
· ރ. ކިނޮޅަސް
· ނ. ކެނދިކުޅުދޫ
· ހއ. މުރައިދޫ
· ށ. ކޮމަންޑޫ
· ނ. ފޮއްދޫ
· ޅ. ކުރެންދޫ
· ކުޅުދުއްފުށި ސިޓީ
· ހދ. ކުމުންދޫ
· ދ. މީދޫ
· ލ. މާބައިދޫ
· ހއ. މޮޅަދޫ
· ގދ. ރަތަފަންދޫ
· ގއ. ވިލިނގިލި
އީ.ޕީ.އޭއިން ވިދާޅުވީ، މި މައްސަލަ ބެލުމަށްފަހު ތިމާވެއްޓަށް އަސަރުފޯރާނޭ މިންވަރު ބަޔާން ކުރާ ރިޕޯޓް ހެދުމާއި ބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ "ހ"އަށް ރިޢާޔަތްކޮށް އެގަވާއިދުގެ ޖަދުވަލު "ޖ"ގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޖުމްލަ ހަތަރު މިލިއަން ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށެވެ. މި ފައިސާ ދެއްކުމަށް އީ.ޕީ.އޭއިން ފެނަކައަށް ދީފައިވނީ އެއްމަސް ދުވަހުގެ މުހުލަތެކެވެ.
ފެނަކައިން ކުރިއަށްގެންދާ އެންމެހައި މަޝްރޫތަކުގެ މަސައްކަތް ތިމާވެއްޓަށް އަސަރުފޯރާނޭ މިންވަރު ބަޔާން ކުރާ ރިޕޯޓް ހެދުމާއި ބެހޭ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރިހަމަކުރުމަށްފަހު ކުރިއަށް ގެންދިއުމަށްވެސް އީޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.