ޚަބަރު

އެމްއޭސީއެލްގެ އެމްޑީ މަޙުޖޫބް ޝުޖާޢު މަޤާމުން އިސްތިއުފާ ދެއްވައިފި


  • އިސްތިއުފާގެ ސިޓީ ވަނީ ފޮނުވާފައި

  • އިސްތިއުފާ ދެނީ މާދަމާއިން ފެށިގެން

  • ވަގުތީގޮތުން ކުންފުނި ހިންގަވާނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑިރެކްޓަރ މަޙުޖޫބް ޝުޖާޢު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމްއޭސީއެލްއިން ބުނީ 17 ނޮވެމްބަރ އިން ފެށިގެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުން މަޙުޖޫބް ޝުޖާޢު އިސްތިއުފާދީފައިވާކަމަށެވެ. އެހެންކަމުން އައު ސަރުކާރުން ބޭފުޅަކު އައްޔަން ކުރައްވަންދެން ކުންފުނި ހިންގަވާނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޠާޙާކަމަށްވެސް ވަނީ ބުނެފައެވެ.

އިސްތިއުފާގެ ސިޓީގައި މަޙުޖޫބް ޝުޖާޢު ވަނީ ކުންފުނީގެ އެންމެހައި ކަންތައްތަކުގައި ކުންފުނީގެ ބޯޑާއި، މެނޭޖްމަންޓް އަދި ހުރިހައި މުވައްޒަފުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ހ.ރަނުވިއަ، މަޙުޖޫބް ޝުޖާޢު ޢައްޔަންކުރައްވާފައިވަނީ 18 އޭޕްރީލް 2022 ގައެވެ. މަޙުޖޫބު ޝުޖާއު މީގެކުރިން އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ހިމެނެއެވެ.

ވެލާނާ އިންޓަރނޭޝަނަލަށް އެއަރޯޓްގެ ހިންގުމާއި ކުރިއެރުމާއި ގުޅޭ މަސައްކަތް، ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ބެލެހެއްޓެވުމުގެ މަސައްކަތްތައްވެސް އޭނާ ކުރައްވާފައިވެއެވެ.