ޚަބަރު

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން އެހެން ޤައުމުތަކަށް ބަރޯސާ ނުވަން: ޝައުނާ


  • މޫސުމީ ގޮތުން ދިމާވަމުންދާ މައްސަލަތަކަށް އަވަސް ހައްލެއް ބޭނުންވޭ

  • ޓެކްނޮލޮޖީގެ ޒަރީއާއިން ދަނީ މޫސުމީ މައްސަލަތައް ދިމާވާ ސަބަބުތައް ދެނެގަންނަމުން

  • އަމާޒަކީ 2030 ވަނަ އަހަރު ރާއްޖެ ނެޓް ޒީރޯގެ ޓާގެޓް ހާސިލްކުރުން

މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ބަރޯސާނުވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ ސިންގަޕޫރުގެ ސީއެންއޭ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައެވެ. މިނިސްޓަރ ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކާއި ކުރިމަތިލުމަށް އެހީތެރިވުމަށް ބޮޑެތި އެމިޓަރުންގެ އެހީ ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާކަމަށެވެ.

"އަޅުގަނޑުމެން މިވާހަކަ ދައްކަމުން މިދަނީ ފުރަތަމަ ބޭއްވި ސީއޯޕީ ސަމިޓުން ފެށިގެން. އަޅުގަނޑުމެންނަށް އެނގޭ ދުނިޔޭގެ ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކަށް ހޭނުމަށްޓަކައި ރާއްޖެއަށް ފައިދާހުރި ގޮތެއްގައި އަދި ވަގުތުން އެހީތެރިވެދީފައިނުވާކަން." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ރާއްޖެއިން ޖައްވަށް ދޫކުރާ ވިހަގޭހުގެ މިންވަރަކީ ދުނިޔޭގެ ނިސްބަތުން ވަރަށް ކުޑަ މިންވަރެއްކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ރާއްޖެއިން ދޫކުރާ ވިހަ ގޭހުގެ މިންވަރަކީ 0.003 އިންސައްތަކަަމަށެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމުގެ ސަބަބުން ރާއްޖެ ހިމެނިފައިވަނީ ދުނިޔޭގެ އެންމެ ނާޒުކު ގައުމުތަކުގެ ތެރޭގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މޫސުމީ ވިއްސާރައާއި ފެންބޮޑުވުމާއި، ރަށްގިރުން ފަދަ މޫސުމީ ކާރިސާތައް ރާއްޖެއަށް ކުރިމަތިވާލެއް ކުރިއަށްވުރެ އިތުރުވަމުން އަންނަ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ގްރީން ކްލައިމެޓް ފަންޑް، ޖީސީއެފްގެ ފަރާތުން 2 މަޝްރޫޢުއަކަށް ފަންޑު ދިނުމަށް އެޕްރޫވް ކުރި ނަމަވެސް އެ ފައިސާ ރާއްޖެއަށް ފޯރުމުގައި އެތައް އަހަރެއް ނަގާކަމަށާއި، އެ ފައިސާ ރާއްޖެއަށް ލިބޭނެ ވަގުތަކަށް އެއްވެސް ހައްލެއް ނުހޯދާ ތިބެވެން ނެތް ކަމަށް ޝައުނާ ވިދާޅުވިއެވެ. ރާއްޖެއަށް ދިމާވާ މޫސުމީ މައްސަލަތައް ހައްލުކުރުމުގެ ގޮތުން، ގޮނޑުދޮށްތައް ސަލާމަތްކުރުމުގެ މަސައްކަތްކުރުމަށާއި ފަރުތައް އާލާކޮށް ނެތިދިއުމުން ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އައު ޓެކްނޮލޮޖީގެ އެހީގައި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރަށްގިރުމާއި ކަނޑުގެ ލޮނުގަނޑު އުފުލަށް ދިމާވާ ސަބަބުތަކާއި ގުޅޭ ޑޭޓާ ހޯދުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން ކަމަށް ޝައުނާ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމަށް ދުނިޔޭގެ ކަންކޮޅުތަކުން އެހީ ލިބޭނެ އިރަށް މަޑުކުރުމުގެ ބަދަލުގައި ރާއްޖެއިން އަމިއްލައަށް މިކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުން ދާނެ ކަމަށެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖެއިން އެންމެ ބޮޑަށް އިންވެސްޓު ކުރަމުންދާ އެއް ދާއިރާއަކީ ސޯލާ ނުވަތަ އިއާދަކުރަނިވި ހަކަތައިގެ ދާއިރާކަމަށެވެ. އެގޮތުން އިރުގެ އަލިން އުފައްދާ ހަކަތަ ބޭނުން ކޮށްގެން އިޤްތިޞާދަށް މަންފާވާނެ ގޮތްތައް ހޯދުމަކީ ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއްކަން ޝައުނާ ފާހަގަކުރެއްވިއެވެ.

ސާފު ހަކަތައިގެ އިތުރުން އިއާދަކުރަނިވި ހަކަތައިން އިޤްތިޞާދު ބިނާ ކުރާ ގައުމަކަށް ރާއްޖެ ވެއްޖެނަމަ ކޮންމެ އަހަރަކުވެސް ރާއްޖެއަށް އެތެރެކުރާ ތެލަށް ހޭދަކުރާ ޖުމްލަ ޖީޑީޕީގެ 10 ޕަސެންޓް ސަލާމަތް ކުރެވޭނެކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ.

ތެލުގެ ހަކަތައަށް ރާއްޖެ ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ އިޤްތިޞާދު އަވިން އުފައްދާ ހަކަތައަށް ބަދަލުކުރުމަކީ ހުރިހާ ދާއިރާއަކުންވެސް ރާއްޖެއަށް ފައިދާވާނެކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޝައުނާ ވިދާޅުވީ އަމާޒަކީ 2030 ވަނަ އަހަރަށް ވާއިރަށް ނެޓް ޒީރޯ ޓާގެޓް ހާސިލްކުރުންކަމަށެވެ.