މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ހަރަދުތައް ހަމަޖެއްސުމަށް، އިތުރު 6.5 ބިލިއަން ރުފިޔާ ޚަރަދުކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ )ނ( ގައިވާ ގޮތުގެ މަތިން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅީ މިއަަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މި އަހަރު ތެރޭގައި ޚަރަދުވާނެކަމަށް ބެލެވޭތީކަމަށެވެ.
ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ 6.5 ބިލިއަން ރުފިޔާއެވެ. އިތުރުކުރެވޭ ހަރަދާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ސަޕްލިމަންޓަރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅައިފައިވަނީ ޕީއެސްއައިޕީއާއި އާސަންދައާއި ސަބްސިޑީތަކަށް ކުރާ ޚަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަންއަށްކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީ ހިނގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެ ނޫން ޚަރަދުތައްވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ޚަރަދު ކުޑަކުރުމަށް ރާވައިފައިވާ ގިނަ ފިޔަވަޅުތައް ރާވައިފައިވާ ގޮތަށް ތަންފީޒުވެފައިނުވާތ،ީ އެ ކަންކަމުން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީވެސް މިހާރު ދަށްވެފައިވާކަމަށް ފިނޭންސްއިން ބުނެއެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިނަމަވެސް، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓްގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އަދި ޤާނޫނުގައި ބުނާ މުއްދަތުގެ ކުރިން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ކޮންމެ އަހަރަކުވެސް އޮކްޓޯބަރުމަސް ނިމުމުގެ ކުރިން ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅައެވެ. އެހެންކަމުން މި މަސް ނިމުމުގެ ކުރިން ބަޖެޓް މަޖިލީހަށް ހުށަހަޅަންޖެހެއެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާގޮތުން ބޭސްލައިން ޚަރަދާއ،ި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ ޢަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް ބަލައި އަންނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާކަމަށެވެ. މިއީ މި އަހަރު ބަޖެޓު ހުންނާނެ ކަމަށް ލަފާކުރެވޭ މިންވަރާއި އަޅާބަލާއިރު 5.3 އިންސައްތަ އިތުރު އަދެދެއްކަމަށްވެސް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.
އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވާ ކޮމިޓީއަކާއި ގުޅިގެންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.