ޤުދުރަތީ އެކި ކާރިސާތަކުން އަރައިގަތުމަށް މިއަހަރުގެ މިހާތަނަށް 4.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ދުވަހެވެ.
މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ މީގެ 34 އަހަރު ކުރިން 1989 ގައި އދ.ގެ ޖެނެރަލް އެސެންބްލީ ގައި ނިންމި ނިންމުމަކާއި ގުޅިގެންނެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ދުވަހެއް ފާހަގަކުރުން ވެގެންދިޔައީ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބުނު ބާރަކަށެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ”ވިލުންތެރި ކުރިމަގަށްޓަކައި ތަފާތުކުރުން ނައްތާލުން“ މި ޝިޢާރެވެ. މުޖްތަމައުގެ ބާރުވެރިކަން ކުޑަވުމުގެ ސަބަބުންނާއި، ލިބޭ ހިދުމަތްތަކާއި ތަރައްޤީއާއި، ރައްޔިތުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން ކާރިސާތަކުން ލިބޭ ގެއްލުން ބޮޑުވުމަށް އޮތް ރިސްކު އިތުރުވެގެންދެއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތައް 2030 ވަނަ އަހަރަށް ދާއިރު ވަރަށް ބޮޑުތަން އިތުރުވެގެންދާނެކަމަށް މޫސުމީ ދިރާސާކުރާ ފާރާތްތަކުން ލަފާކޮށްފައެވެ. މިގޮތުން ކުރިއަށްއޮތް ތަނުގައި 560 އަށްވުރެ ގިނަ ގެއްލުންދެނިވި ކާރިސާ ކޮންމެ އަހަރަކުމެ ކުރިމަތިވާނެކަމަށް މާހިރުން ވަނީ ލަފާކޮށްފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގައި 37.6 މިލިއަން މީހުންނަށް އެކަމުގެ އަސަރު ކުރާނެކަމަށްވެސް ވަނީ ބެލެވިފައެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގެ އެންމެ ބޮޑު ގެއްލުމެއް ލިބޭ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.
މި ދުވަހާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވީ ފާއިތުވި 3 އަހަރަށް ބަލާއިރު ބޯކޮށް ވާރެވެހުމާއި އުދަ އެރުމުގެ ސަބަބުން ރަށްރަށުގައި ފެން ބޮޑުވުމާއި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އިޖާބަދިނުމުގެ މަސައްކަތައް ދައުލަތުން ހޭދަކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވެގެންގޮސްފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ކާރިސާތަކަށް އިޖާބަދިނުމަށް 4.9 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.
އެންޑީއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކާރިސާތަކުން އަރައިގަތުމަށް އެންމެ ބޮޑު މާލީ އެހީތެރިކަމަށް މިހާތަނަށް ފޯރުކޮށްދީފައިވަނީ 2019 ވަނަ އަހަރުއެވެ.
އެ އިދާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކާރިސާތަކުން އަރައިގަތުމަށް، 2017 ވަނަ އަހަރު 1.05 މިލިއަން ރުފިޔާ، 2018 ވަނަ އަހަރު، 422،119 ރުފިޔާ، 2019 ވަނަ އަހަރު 14.9 މިލިއަން ރުފިޔާ، 2020 ވަނަ އަހަރު 1.5 މިލިއަން ރުފިޔާ، 2021 ވަނަ އަހަރު 4.5 މިލިއަން ރުފިޔާ އަދި 2022 ވަނަ އަހަރު 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކުރައްވާފައެވެ.
މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ، ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި، އުދައެރުމާއި، ގުގުރާ ހޮނު އެޅުމުގެ ސަބަބުންނާއި 2019 ވަނަ އަހަރު ކުރިމަތިވި ތޫފާން ސައިކްލޯންގެ ސަބަބުން ވައިގަދަވެ ލިބުނު ގެއްލުންތަކުން އަރައިގަތުމަށެވެ.
ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަލަށް އިންތިހާބުވެފައިވާ ސަރުކާރަށްވެސް ކުރެވިދާނެ ބައެއް ކަންކަން އެންޑީއެމްއޭއިން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން އެންޑީއެމްއޭއަށް ލިބިދޭ އެންމެހައި އިޚްތިސާސްތަކާއި ބާރުތައް ލިބޭނެ މަގު ފަހިކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
މީގެއިތުރުން ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާއަށް މިހާރަށްވުރެ ބޮޑަށް އިންވެސްޓް ކުރުމާއި ބަޖެޓް ކަނޑައެޅުމާއި، ތަރައްޤީގެ ޕްލޭންތަކާއި މަޝްރޫއުތަކުގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަފްހޫމް ހިމަނައި ރައްކާތެރި ބިނާވެއްޓަކަށް އިސްކަންދީ މުޖްތަމައު ބާރުވެރިކުރުވުން ވަނީ ފާހަގަކުރައްވާފައެވެ.
ކާރިސާތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބޭ ދާއިރާތަކާއި ރައްޔިތުން އިންޝުއަރެންސްއަށް އަހުލުވެރިކުރުވުމަކީ މުހިންމު ކަމެއްކަމަށް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ. އަދި ބައެއް ދާއިރާތައް އިންޝުއަރެންސް ކުރުމަށް މަޖުބޫރުކުރުވުމަކީވެސް ކާރިސާތަކުން ލިބޭ ގެއްލުންތަކުގެ ރިސްކު ޓްރާންސްފަރ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެންޑީއެމްއޭއިން ފާހަގަކުރައްވައެވެ.