އިންތިޤާލީ މަރުޙަލާގެ ތެރޭގައިވެސް އިތުރު ވަޒީފާތަކަށް މުވައްޒަފުން ނެގުމާއި، އައު މަޝްރޫޢުތައް ފެށުމަށް ބައެއް ފަރާތްތަކުން ތައްޔާރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަހީމް މިކަން ހާމަކުރެއްވީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިއީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންނަށްފަހު ޢަބްދުއްރަޙީމް މީޑިއާއާއި ބައްދަލުކުރި ފުރަތަމަ ފަހަރެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ސަރުކާރުގެ ބާރުތައް ބަދަލު ކުރުމަށް ކުރެވޭ މަސައްތައް ބާރަށް ކުރިއަށްދާކަމަށެވެ. މި މަސައްކަތްތަކަށް ކުންފުނިތަކާ މުއައްސަސާތަކުން ފުރިހަމަ އެއްބާރުލުން ލިބޭކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.
ކުންފުނިތަކާ ބައެއް މުއައްސަސާތަކުގައި ތިއްބެވި ސިޔާސީ މީހުންގެ ވަޒީފާތައް ސިވިލް ސަރވިސްއަށް ބަދަލު ކުރަމުންދާކަން ދެނެގަނެވިފައިވާކަމަށާ، އަލަށް އިތުރު މަޝްރޫޢުތަކެއް ފެށުމަށް ތައްޔާރު ވަމުންދާކަންވެސް ކޮމެޓީއަށް ފާހަގަކުރެވިފައިވާކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
"އެކަން އެގޮތަށް ނުކުރުމަށް ކުންފުނިތަކާ މުއައްސަސާތަކަށް ވާނީ އަންގާފައި އަދި ސިވިލް ސަރވިސްގެ ރައީސް އަށްވެސް މިދަންނަވަނީ އެކަން އެގޮތަށް ނުކުރުމަށް. ސަރުކާރާ ހަވާލުވާއިރު ހިންގުމުގެ އޮނިގަނޑުތައް ބަލަމުންމިދަނީ ގެންނަންޖެހޭ ބަދަލުތަކެއް ހުރިނަމަ އެކަން ކުރައްވާނަން" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރަށްރަށުގައި ހިންގާ ބައެއް މަޝްރޫޢުތައް ހުއްޓާލުމަށް އަންގަމުން ދާކަމަށް ދެކެވޭ ވާހަކަތައް ޢަބްދުރަޙީމް ޢަބްދުﷲ ވަނީ ދޮގުކުރައްވާފައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ އަބަދުވެސް ބުނަމުން އަންނަނީ އަލަށް އިތުރު މަޝްރޫޢުތައް ނުފެށުމަށްކަމަށެވެ. އެއީ ޑރ. މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތާ މި ސަރުކާރުން ގެންގުޅޭ ސިޔާސުތައް ތަފާތުވުމުން ކަމަށެވެ.
ކުރިއަށް އޮތް 5 އަހަރަށް ރައްޔިތުން ގާތަށް ދާނީ ވެވަޑައިގެންފައި ހުރި ވައުދުތައް ފުރިހަމަ ކޮށްދެއްވާފައިކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
"ވެރިކަމާ ހަވާލުވީ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންފައި، އެކަން ޑރ މުއިއްޒު ކުރައްވާނެކަމާމެދަކު ޝައްކެއްވެސް ނެތް އަދި އެކަމަށް ބޭނުންވާ ބަޖެޓްވެސް ހޯއްދަވާނެގޮތުގެ ތަސައްވަރު އެބައޮތް، އަންގާފައެއް ނުވާނެ މަޝްރޫއުތައް ހުއްޓާލާކަށް އަޅުގަނޑުމެން ވެރިކަމާ ހަވާލުވީ ސަރުކާރުން މިހާރު ފަށާފައި 5 އަހަރުވެފައި ހުރި މަސްރޫއުތައް ނިންމާލުމަށް" އަބްދުރަޙީމް އަބްދުﷲ ވިދާޅުވިއެވެ.
އައު ސަރުކާރު ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެދުވަހުގެ ކުރިން ސަރުކާރުގެ ބާރުތައް ބަދަލު ކުރުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވަނީ ކޮމެޓީތަކެއް އެކުލަވާލައްވާފައެވެ. އެގޮތުން 14 ކޮމެޓީއެއް އުފައްދަވާ އޭގެދަށުން ސަބް ކޮމެޓީތައް އުފައްދަވައި ޖުމްލަ 500 މީހުން މިކޮމެޓީތަކުގައި ދަނީ ހަރަކާތްތެރިވަމުނެވެ.