ބޭންކް އޮފް މޯލްޑިވްސްގެ "ސްޓާޓް-އަޕް" ގްރާންޓު ކާމިޔާބު ކުރި އިންސްޓަގްރާމް ބޭކާ "ހައްވަން ކޭކްސް" އިން މާލޭގައި ބޭކަރީ އެއް ހުޅުވައިފިއެވެ.
ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން މިދިޔަ އަހަރު ތައާރަފްކުރި ކަމެކެވެ. މިއީ އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދޫކުރާ ހިލޭ އެހީ އެކެވެ.
މިދިޔަ އަހަރު މި ޕްރޮގްރާމް ތައާރަފްކޮށް 4 ވިޔަފާރިއެއް ހޮވައި ކޮންމެ ވިޔަފާރިއަކަށް 5 ލައްކަ ރުފިޔާ ބޭންކުން ވަނީ ދީފައެވެ.
މި ގްރާންޓް ލިބުނު ހައްވާ ސޫޒަން މީގެކުރިން އިންސްޓަގްރާމްގައި ހިންގަމުން އައި ވިޔަފާރި ފުޅާކޮށް މިހާރު ވަނީ "އައިނާސް ބައި ހައްވަން ކޭކްސް" ގެ ނަމުގައި ބޭކަރީއެއް ހުޅުވާފައެވެ. މި ބޭކަރީ ހުޅުވީ އޭނާގެ މަންމައާއި ބައްޕައެވެ. މިތަން ހުޅުވާފައިވަނީ ސަބުދެލިމަގުގައެވެ.
2010 ވަނަ އަހަރުން ފެށިގެން ހޮބީއެއްގެ ގޮތުގައި ހައްވާ ސޫޒަން އައީ ކޭކު އަޅަމުންނެވެ. އަދި ފުލްޓައިމް ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތް ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ.
ބޭކަރީއެއް ހުޅުވުމަށް އޭނާ އަބަދުވެސް މަސައްކަތް ކުރިއެވެ. ނަމަވެސް މިކަން ހަޤީގަތަކަށް ވެގެންދިޔައީ ބީއެމްއެލްއިން ލިބުނު "ސްޓާޓް-އަޕް" ގްރާންޓުގެ ސަބަބުންކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި މި މަސައްކަތައް އޭނާގެ އާއިލާގެ ފަރާތުންވެސް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ މި ސްޓާޓަޕް ގްރާންޓަކީ ކޮންމެ އަހަރަކުވެސް ވިޔަފާރިތަކަށް ދެމުންގެންދާނެ ގްރާންޓެއްކަމަށެވެ. މި އަހަރު އެހީތެރިކަން ލިބޭ 2 ވިޔަފާރި ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.