ވިޔަފާރި

ސެޕްޓެމްބަރ މަހު މީރާގެ އާމްދަނީ 1.18 ބިލިއަނުގައި


  • މިއީ ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ދަށް އަދަދެއް

  • ދަށްވުމުގެ ސަބަބަކީ ބައެއް ޓެކުހުގެ ސުންގަޑި ފަސްކުރުން

  • އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީން

ހުސްވި ސެޕްޓެމްބަރ މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް 1.18 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %15.8 ދަށް އަދަދެކެވެ. އަދި މިއީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %19.4 ދަށް އަދަދެއްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ސެޕްޓެމްބަރު 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 523.05 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 232.29 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އިންކަމް ޓެކުހުގެ ގޮތުގައި 136.80 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 71.19 މިލިއަން ރުފިޔާ، ޑިޕަރޗަރ ޓެކުހުގެ ގޮތުގައި 67.73 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 152.42 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ސެޕްޓެމްބަރު މަހުގައި މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 49.62 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ސެޕްޓެމްބަރު 2022 ގައި ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު ސެޕްޓެމްބަރު 2023 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.އެސް.ޓީ، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި ކޯޕަރޭޓް ޢިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމެވެ.

މީގެ ސަބަބަކީ، ގްރީން ޓެކްސް އަދި ޖީ.އެސް.ޓީގެ ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސުމުގެ ސަބަބުން، މި ސުންގަޑި އޮކްޓޫބަރު 2023 ގެ ފުރަތަމަ ހަފްތާއަށް ފަސްވުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މިއާއެކު އެއަރޕޯޓް ޓެކުހާއި ފީ، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސްގެ ސުންގަޑި ވެސް އޮކްޓޫބަރު 2023 ގެ ފުރަތަމަ ހަފްތާއަށް ފަސްވުމުގެ ސަބަބުން ސެޕްޓެމްބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ ވެސް ދަށްވެފައިވާކަމަށް މީރާއިން ވިދާޅުވެއެވެ.