ޚަބަރު

ފަލަސްޠީނުގެ ރައްޔިތުން އެދޭގޮތަށް ދައުލަތެއް ޤާއިމުކުރުމަށް އަދާލަތުން ގޮވާލައިފި


  • ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި އަބަދުވެސް ވަކާލާތުކުރާނެކަމަށް އަދާލަތު ޕާޓީން ބުނޭ

  • މިއީ މެދުއިރުމަތީގެ ހަމަޖެހުމަށާއި ބައިނަލްއަޤުވާމީ ޞުލަޙަށްޓަކައި ކުރަންޖެހޭ ކަމެއް

ފަލަސްޠީނުގެ ބިންތައް މިނިވަންކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫޢަވެވޭނެ މަގުފަހިކޮށްދިނުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އިސްރާޢީލުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަށް ކުށްވެރިކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ، އިސްރާއީލުގެ ޔަހޫދީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސިވިހާލިވެފައިވާ ފަލަސްޠީނުގެ ރައްޔިތުން އަނބުރާ އެމީހުންގެ ވަޒަނަށް ރުޖޫޢަކުރުމަށް ގޮވާލާފައެވެ. އަދި ފަލަސްޠީނު ރައްޔިތުންނަށް ޙައްޤުވާ އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުން އެދޭގޮތަށް ދައުލަތެއް ޤާއިމުކޮށް އެދައުލަތުގެ ހިޔާވަހިކަން ލިބުމުގެ ޙައްޤު ހޯދައިދިނުމަށް ޢަދާލަތު ޕާޓީން އަބަދުވެސް ގޮވާލާނެކަމަށް އެޕާޓިގެ ބަޔާނުގައިވެއެވެ.

އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބުލަކަމަށްވެފައި، އެތަނުގެ ވަށައިގެންވާ ބިމަކީ މުސްލިމުންގެ މުޤައްދަޞް ބިންތަކަށް ވާއިރު، ފަލަސްތީނުގެ ޤަޟިއްޔާއަކީ ދުނިޔޭގެ ދެ ބިލިޔަނެއްހާ މުސްލިމުންގެ ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއްކަން އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ފަލަސްތީނުގެ ޤަޟިއްޔާއަށް ދާއިމީ ޙައްލެއް ހޯދެންދެން މެދުއިރުމަތީގައި ސުލްޙަ ޤާއިމުވުމަކީ އެ ޕާޓީން ދެކޭގޮތުގައި މުސްތަޙީލުކަމެއްކަމަށް ވަނީ ބުނެފައެވެ. އަދި މެދު އިރުމަތީގެ މަޞްރަޙު ހަލަބޮލިވުމަކީ ބައިނަލްއަޤުވާމީ ޞުލަޙަޔަށް އޮތް ބޮޑު ގޮންޖެހުމެއްކަންވެސް އަދާލަތުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫޢަވެވޭނެ މަގުފަހިކޮށް، ފަލަސްޠީނުގެ ބިމުގައި ފަލަސްޠީނު ރައްޔިތުންނަށް މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކޮށް ދޭން ޖެހޭކަމަށް އަދާލަތުން ބުންޏެވެ. އަދި މެދުއިރުމަތީގެ ހަމަޖެހުމަށާއި ބައިނަލްއަޤުވާމީ ޞުލަޙަށްޓަކައި، ޢަރަބި-އިސްލާމީ ޤައުމުތަކާއި، ބައިނަލްއަޤުވާމީ ބާރުތަކާއި އަދި މުޅި ބައިނަލްއްޤުވާމީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން ލަސްނުކޮށް އެ ޒިންމާއަދާކުރުމަށް ޢަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.

ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގެ ޣައިރު ޤާނޫނީ ވަޒަންވެރިންނާއި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހަނގުރާމަ ހިނގަމުންދާ މިދަނޑިވަޅުގައި، އަލްމަސްޖިދުލް އަޤްޞާ އާއި ފަލަސްތީނުގެ އަޚުންނާ އުޚުތުންނާ ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރި ޢުދުވާނުގައި މުސްލިމުންނަށް ނަސްރާއި ކާމިޔާބީ މިންވަރުކުރެއްވުމަށް މަސައްކަތްކުރުމަށް އިސްލާމީ އުއްނަމަތަށް ވަނީ ގޮވާލާފައެވެ. އަދި މަސްޖިދުލް އަޤްޞާގެ މިނިވަންކަމަށް އެދި ދުޢާކުރުންމަތީ ދެމިތިބުމަށް ދިވެހި ރައްޔިތުންނަށް އަދާލަތު ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.