ޚަބަރު

ޔޫއޭއީ ސަރުކާރާއި ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ އެހީ ރާއްޖޭގެ ތަރައްޤީއަށް މުހިންމު: ޑރ.މުޢިއްޒު


  • އިންތިޚާބީ ވަޢުދުތައް ފުއްދުމުގައި ޔޫއޭއީގެ އެހީތެރިކަމަށް ޑރ.މުއިއްޒު އެދިވަޑައިގެންނެވި

  • ޔޫއޭއީ ސަރުކާރާއި ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ ބައިވެރިވުމަށް އެދިވަޑައިގެންނެވި

އައު ސަރުކާރުގައި ރާއްޖޭގެ ތަރައްޤީގައި ޔޫއޭއީގެ ސަރުކާރުގެ އެހީތެރިކަމާއި ޔޫއޭއީގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ ބައިވެރިވުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ.

ޑރ.މުޢިއްޒު މިކަމަށް އެދިވަޑައިގަތީ އިންތިޚާބީ ރައީސްގެ އޮފީހުގައި ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޝެއިޚް ރަޙްމާން ބިން ޢަބްދުލްރަޙްމާން ބިން ރަޙްމާ އަލް ޝަމްސީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޔޫއޭއީގެ ސަފީރާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ރާއްޖެއާއި ޔޫއޭއީއާއި ދެމެދު އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މިގުޅުމުގެ ތެރެއިން، ޢަރަބި އިސްލާމީ ޤައުމުތަކާ ދެމެދު އޮންނަ ގާތްކަން މިހާރަށްވުރެ ބަދަހިވެގެންދިޔުމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޔޫއޭއީން ރާއްޖެއަށް އެކި ގޮތްގޮތުން ވެދެއްވަމުންގެންދަވާ އެހީތެރިކަމަށާއި ދިވެހި ދަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ފަހިކޮށްދެއްވަމުންގެންދަވާ ލުއި ފަސޭހަ އިންތިޒާމުތަކަށްޓަކައި ޑރ.މުޢިއްޒުވަނީ ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައާއި ރާއްޖޭގެ ތަރައްޤީގައި ޔޫއޭއީގެ ސަރުކާރުގެ އެހީތެރިކަމާއި ޔޫއޭއީގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ ބައިވެރިވުމަށް ޑރ.މުޢިއްޒުވަނީ އެދިވަޑައިގަންނަވާފައެވެ.

ޔޫއޭއީގެ ސަފީރުގެ ވާހަކަފުޅުގައިވަނީ ރާއްޖެއާއި ޔޫއޭއީއާއި ދެމެދު އޮތް ގާތްގުޅުން ހަރުދަނާކުރެއްވުމަށް ދެފަރާތުން ގުޅިގެން ކުރެވެން ހުރިކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ސަފީރުވަނީ ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އިންތިޚާބީ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފްވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.