ޚަބަރު

އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުން މިމަހުގެ 8ވަނަ ދުވަހުގެ ކުރިން


  • އީސީން މިހާރު ވަނީ ވަގުތީ ނަތީޖާ އިއުލާންކޮށްފަ

  • 19291ގެ ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވީ ޑރ.މުޢިއްޒު

  • ރަސްމީ ނަތީޖާ މިމަހުގެ 8ގެ ކުރިން އިއުލާންކުރާނެ

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، މިމަހުގެ 8ވަނަ ދުވަހުގެ ކުރިން އިޢުލާންކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ ވަގުތީ ނަތީޖާ އަދި ޖުމްލަ ނަތީޖާ އިޢުލާންކޮށް މިހާރު ނިމިފައިވާކަމަށެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ މިމަހު 8ވާ އާދިއްތަ ދުވަހުގެ 15:00ގެ ކުރިން އިޢުލާނުކުރައްވާނެކަމަށް ޙަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު 2023، ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއެވެ.

އިލެކްޝަންއިން އާއްމުކޮށްފައިވާ ޖުމްލަ ނަތީޖާއަށް ދައްކާގޮތުގައި، އިންތިޚާބު ކާމިޔާބުކުރެއްވި ޑރ.މުޙައްމަދު މުޢީއްޒަށް ލިބިވަޑައިގަތީ 129159 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %54.04 އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙަށް ލބިވަޑައިގަތީ 109868 ވޯޓެވެ. އެއީ %45.96 އެވެ..

މި އިންތިޚާބު ޑރ.މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ 19291 ވޯޓުގެ ތަފާތަކުންނެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ ޙައްގު ލިބުނު 282804 މީހުގެ ތެރެއިން 246915 މީހުން ވަނީ ވޯޓު ލާފައެވެ. ވޯޓު ލުމުގެ ޙައްގު ލިބިގެންވާ %87.31 މީހުންވަނީ ވޯޓުލުމުގެ ޙައްގު ފުރިހަމަކޮށްފައެވެ.

މިފަހަރުގެ އިންތިޚާބަކީ މާބޮޑު މައްސަލަތަކެއް ކުރިމަތި ނުވެ، މިހާތަނަށް އެންމެ އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދިޔަ އިންތިޚާބުގެ ގޮތުގައި އިލްކެޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ.މުޙައްމަދު މުޢިއްޒަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބަލި ޤަބޫލުކުރައްވައި، ތަހުނިޔާ ވިދާޅުވެފައެވެ.