ޚަބަރު

އައްޑޫގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަންދީ، 10،000 ވަޒީފާ އުފައްދާނަން: މުޢިއްޒު


  • އެއަރޕޯޓް ތަރައްޤީކޮށް ޓުއަރިޒަމް ފުޅާކުރަައްވާނަން

  • ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަވާނީ މުޅި އައްޑޫ ސިޓީގެ އެކިއެކި ރަށްރަށުގައި

  • ގެއްލިފައި އޮތް ފަތުރުވެރިކަން އަނބުރާގެނަސް ސަރަހައްދުގެ އިޤްތިސާދު ފުޅާކޮށްދޭނަން

އައްޑޫސިޓީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުކޮށްދީ 10،000 ވަޒީފާ އުފައްދަވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދެކުނުގެ ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގައި ބޭއްވެވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީއަކީ ރާއްޖޭގެ އިޤްތިސާދީ ނާރެހެއްކަމަށާ، އެތަނުގައި އިޤްތިޞާދު ފުޅާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އެގޮތުން އެންމެ ޚާއްޞަ އިސްކަމެއް ދެއްވާނީ އެއަރޕޯޓު އިތުރަށް ތަރައްޤީކޮށް ފަތުރުވެރިން ގެނެވޭނެ މަގު ފަހިކޮށްދީ، ފަތުރުވެރިކަން އެސަރަހައްދުގައި ފުޅާކުރުމަށްކަމަށް މުޢިއްޒު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެތައް ހާސް ވަޒީފާއެއް އުފައްދިގެންދާނެކަން ޑރ މުއއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށާއި ގެދޮރުވެރިކަން ޔަގީން ނުވާ މީހަކު ނުހުންނާނެކަމަށެވެ. މުއިއްޒު ވިދާޅުވީ، އައްޑޫގައިވެސް ހައުސިން މަޝްރޫއުތައް ހިންގައި ހައުސިން ލޯނުތައް ދޫކުރާނެކަމަށެވެ.

"އައްސޭރި ޓޫރިޒަމްގެ މަޝްރޫޢުގެ ދަށުން 6000 އެނދު ޤާއިމްކޮށް 10000 މީހުންގެ ވަޒީފާ ހޯދައި ދިނުމަކީ އަޅުގަނޑުމެންގެ އަމާޒު. އެކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް ކޮށްދޭނަން.ޓުއަރިޒަމްގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ އަދި އެކި އެކި އުފެއްދުންތެރިމުގެ ދާއިރާ އިން ވަޒީފާގެ ފުރުޞަތުތައް ހޯދައިދޭނަން އެކަމުގެ ޔަގީންކަން ރައްޔިތުންނަށްދެން" ޑރ.މުއިއްޒު ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ކުރެވި ދަތުރުފުޅުގައި ޕީއެންސީގެ ސަރުކާރެއްގައި އެސީޓީގެ ތަސައްވަރާ ގުޅޭ ގިނަކަންތައްތަކެއް ވަނީ ރައްޔިތުންނާ ޙިއްސާ ކުރައްވާފައެވެ. އައްޑޫ ރައްޔިތުން ބޭނުންވާ ގޮތަށް އެ ސަރަަހައްދު މިހާތަނަށްވެސް ތަރައްގީ ކުރެވިފައިނުވާ ކަމަށާއި، އެ މީހުންގެ އުންމީދުތަކުގައި އޭނާގެ ސަރުކާރެއްގައި ކުލަ ޖައްސައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.