ޚަބަރު

282،804 މީހުންނާއެކު ވޯޓާސް ލިސްޓު ފައިނަލްކޮށްފި


  • ވޯޓުލުމުގެ ހައްގު ލިބެނީ 282،804 މީހުންނަށް

  • ދެވަނަ ބުރުގައި 409 މީހަކަށް އަލަށް ވޯޓުލުމުގެ ހައްގު ލިބޭ

  • ފުރަތަމަ ބުރުގައި ވޯޓުލީ 282،395 މީހުން

ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުގެ ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތް ނިންމާ، ވޯޓާސް ލިސްޓު ފައިނަލްކޮށް ގެޒެޓްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރައްވާފައިވާ ވޯޓާސް ލިސްޓުގައި، ރިޔާސީ އިންތިޚަބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމުތަކުގެ ސައްޙަކަން ކަށަވަރުކޮށް، ޑަބަލް ޗެކް ކުރުމުގެ މަސައްކަތް މިހާރު ނިމި ލިސްޓް ފައިންވެފައިވާކަމަށެވެ. ލިސްޓު ފައިނަލް ކުރުމަށްފަހު މިއަދު ކުރިއަށްދަނީ ލިސްޓުގައި އިލެކްޝަންސްގެ ވެރިން ސޮއިކުރުމުގެ މަސައްކަތްކަމަށާއި، މާދަމާ ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުގައި ސޮއި ކުރާނެކަމަށް ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލީ މިމަހުގެ 15 އިން 17 އަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 50،047 މީހުން ރީ-ރަޖިސްޓްރީ ކުރުމަށް ހުށައެޅިއެވެ. އޭގެތެރެއިން 38763 މީހެއް ވަނީ ރީ-ރަޖިސްޓްރީކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ރާއްޖޭގައި ވޯޓުލުން ކުރިއަށްދަނީ ހެނދުނު 8 އިން ހަވީރު 5 ޖެހުމާއި ހަމައަށެވެ.