ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަތީޖާ ކޮންމެ ގޮތަކަށް ނުކުތްނަމަވެސް ނިޒާމީ ވޯޓްގެ ކަންކަން ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުންގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލު ކުރެއްވުމަށްފަހު މީޑިއާ އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުނެވެ.
ދުވަސްތަކަކަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހައި ރައީސް މުހައްމަދު ނަޝީދުގެ ބައްދަލުކުރެއްވުން ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލު ކުރެއްވުމާ ގުޅޭގޮތުން ވާހަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދެބޭފުޅުން މަޝްވަރާކުރެއްވީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުންކަމަށެވެ. އެގޮތުން މަޝްވަރާ ކުރެއްވި އެއްކަމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ނިޒާމީ ވޯޓާ ގުޅޭ ގަރާރާގުޅޭގޮތުންކަމަށެވެ.
ރައީސް ވިދާޅުވީ ނިޒާމީ ވޯޓުގެ މަސައްކަތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށްފަހު އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގަތުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިކަމަށެވެ.
ރައީސް ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާޢީދު ހޯއްދެވުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށެވެ. ނަމަވެސް އެކަންކަމާއި ގުޅޭ ތަފްސީލް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.
"ކޮންމެ ގޮތަކަށް ނަތީޖާ ދިޔަޔަސް އިންތިހާބަށްފަހުގައި ނިޒާމީ ވޯޓަކަށް ދާން ވަނީ ނިންމާފައި. ވަރަށް ގިނަ ވާހަކަތައް ދެކެވުނު. ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުންވެސް. އަދި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަން ފަހުން ހިއްސާކުރާނަން" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް ނަޝީދު ބައްދަލުކުރައްވާފައިމިވަނީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު، އެއްވެސް ކެންޑިޑޭޓަކަށް ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް ތާޢީދު ނުކުރަން ނިންމާފައިވަނިކޮށެވެ.
އަންނަ އޮކްޓޫބަރު މަހުގެ 30ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށައަޅުއްވާފައެވެ. ނަމަވެސް ނިޒާމީ ވޯޓާއި ގުޅޭގޮތުން ރައްޔިތުން ގާތު އަހަންވީ ސުވާލު ސާފުނުވާތީއާއި، ބަޖެޓު ހަމަޖެހިފައިނުވާތީއާއި، އެނޫންވެސް ޤާނޫނީ ބައެއް ސުވާލު ހުރިކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަންކަން ސާފުކޮށްދިނުމަށް މަޖިލީހުގައި އެދިވަޑައިގެންފައެވެ.