ޚަބަރު

ހުރިހާ ޤައުމަކާއެކުވެސް މަސައްކަތްކުރެވޭނެކަން ރާއްޖެއިން ދައްކައިދީފި: ޝާހިދު


  • ރާއްޖެއަށް އދ.ގެ މެންބަރުކަންލިބުނީ މީގެ 58އަހަރު ކުރިން

  • މިހާތަނަށް 185 ޤައުމަކާއެކު ޚާރިޖީ ގުޅުން ވަނީ ޤާއިމުކޮށްފަ

  • 101 ޤައުމުކަށް ދުރާލާ ވިސާ ނެގުމަލާ ނުލައި ދަތުރުކުރެވޭ

ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައި ބައިވެރިވުން ބޮޑު ޤައުމެއްކަމަށާ، ހުރިހާ ޤައުމަކާއި، ބައިނަލްއަޤްވާމީ މުޖުތަމައުއާއެކުވެސް މަސައްކަތް ކުރާނެކަން މިހާތަނަށް ރާއްޖެއިން ދައްކައިދީފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އ.ދ. ގެ މެންބަރު ޤައުމަކަށް ރާއްޖެވިތާ 58 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެއްވި ޚިޠާބުއެއްގައެވެ.

މިނިސްޓަރގެ ޚިޠާބުގައި މީގެ 58 އަހަރުކުރިން އ.ދ.އާއި ގުޅުނުއިރު ދިވެހިރާއްޖެއަކީ އ.ދ. ގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެންމެ ކުޑަ އަދި އެންމެ ފަގީރު އެއް ޤައުމުކަން ފާހަގަކުރައްވާ ވިދާޅުވީ، އ.ދ. ގައި އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވެ އ.ދ.ގެ ޗާޓަރުން މަތިކުރުވާ ޒިންމާތައް ދިވެހިރާއްޖެއަށް އަދާކުރެވޭނެ ކަމާމެދު ބައެއް ޤައުމުތަކުން އޭރު ސުވާލު އުފެއްދިކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ވޭތުވެދިޔަ 58 އަހަރު ތެރޭގައި އެ ސުވާލުތަކަށް ފުރިހަމަ ޖަވާބު ދިވެހިރާއްޖެއިން ދެއްވާފައިވާކަކަމަށެވެ.

އެގޮތުން ބައިނަލްއަޤްވާމީ ސުލްހަ މަސަލަސްކަމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، އިންސާނީ ޙައްޤުތައް ކުރިއަރުވައި ޙިމާޔަތްކުރުމާއި، އ.ދ.ގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ސަލާމަތީ މަޖިލީހުގެ މެންބަރުން އިތުރުކޮށް ސަލާމަތީ މަޖިލީހުގައި ގިނަ ގައުމުތައް ތަމްސީލިކުރުމާ ގުޅޭ އެޖެންޑާ އައިޓަމެއް ތަޢާރަފްކުރުމަށް ގޮވާލި ފުރަތަމަ ދިހަ ޤައުމު ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން މިނިސްތަރ ފާހަގަކުރެއްވިއެވެ. އަދި ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަކާލާތުކުރުމުގައި އެންމެ ކުރީސަފުގައި ދިވެހިރާއްޖެ ހިމެނުނުއިރު، މިކަމާ ގުޅޭ ޤަރާރުތައް ހުރިހާ ޤައުމެއްގެ ތާއީދާއެކު ފާސްވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ ނޭދެވޭ އަސަރުތަކާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދިވެހިރާއްޖެ އަކީ އަބަދުވެސް ބައިނަލްއަޤްވާމީ މައިދާނުގައި އެންމެ ކުރީ ސަފުގައި އަޑުއުފުލާ އެއްޤައުމުކަންވެސް މިނިސްޓަރގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

ރާއްޖެއިންވަނީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް އަމައަށް "އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭސް" މި ޖަމުއިއްޔާގެ "ޗެއަރ" ގެ މަޤާމު ހާސިލްކޮށްފައެވެ.

ދިވެހިރާއްޖެއިން އ.ދ. ގެ މެންބަރެއްގެ ގޮތުގައި މި ވޭތުވެދިޔަ 58 އަހަރު ތެރޭގައި، 185 ޤައުމަކާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވެއެވެ. އަދި އދ.އިން ފަހިކޮށްދޭ ފުރުޞަތުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތުތައް ދަނީ ލިބެމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ގުޅުން ތަކުގެ ސަބަބުން މިހާރު ދިވެހި ރައްޔިތުންނަށް 101 ޤައުމުކަށް ދުރާލާ ވިސާ ނުހޯދާ ދަތުރު ކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ކުރިމަގުގައި ވެސް މި ރޮނގުން މަސަތްކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ދެއްވާފައެވެ.

އ.ދ.ގެ އާއްމު މަޖިލީގެ 76 ވަނަ ރިޔާސަތު ރާއްޖޭގެ ފަރާތުން ބަލަހައްޓަން ލިބުނު ފުރުސަތަކީ ފަޚުރުވެރިކަމެއްގެ ގޮތުގައި ސިފަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފަވާ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ 4 ވަނަ ބައިނަލްއަޤްވާމީ ބައްދަލުވުމުގެ ޕްރިޕެރަޓަރީ ކޮމިޝަންގެ ކޯ-ޗެއަރ ގެ މަޤާމު ރާއްޖެއިން ފުރަމުންދާކަމަށެވެ.

ޚާރިޖީ ދާއިރާގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، "އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމެސީ" ދުވަސް ގޮތުގައި އ.ދ. ގެ އާއްމު މަޖިލީހުގެ ޤަރާރަކުން ފާސްކުރުމުގައި ދިވެހިރާއްޖެއިން ވަނީ އިސް ދައުރެއް އަދާކޮށްފައިވާކަމަށެވެ. އެ ޤަރާރު ފާސް ވެފައިވަނީ 191 ކޯ ސްޕޮންސަރުންނާއި އެކުގައެވެ.

58 އަހަރު އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދެމިއޮތް މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ބޭރުގެ ބޮޑެތި ޤައުމުތަކުން ފަޚުރުވެރިވާ ޤައުމެއްކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ބައިވެރިވުން ބޮޑު ޒިންމާދާރު ހުރިހާ ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމައުއާއެކު މަސައްކަތް ކުރާ ޤައުމެއްކަންވެސް ރައްޖެއިން ސާބިތުކޮށްދީފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްވި ޚިޠާބުގައި ވިދާޅުވިއެވެ.