ޚަބަރު

އެމް.އެން.ޔޫގެ ފޮތް މައުރަޒު މިއަދު ހުޅުވައިފި


  • މި ފަހަރުގެ ފޮތް މައުރަޒުގައި 23 ފަރާތަކުން ބައިވެރިވި

  • ފޮތް މަރުރަޒަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި

  • 400 އަށް ވުރެ ގިނަ ފޮތް މި މައުރަޒުން ލިބެން ހުންނާނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "އެމްއެންޔޫ ބުކް ފެއަރ" މިއަދު ހުޅުވައިފިއެވެ.

މިފަދަ ފޮތް މައުރަޒެއް ބޭއްވުމުގެ މަޤްޞަދަކީ ހިލޭ ސާބަހަށް ލިޔުންތެރިންނަށް ފޮތް ލިޔުމަށާއި ފޮތް ޕަބްލިޝްކުރުމަށް ޕްލެޓްފޯމެއް ހުޅުވައިދީ އެންމެންގެ މެދުގައި ފޮތްތެރިކަން އާލާކުރުން ކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ. މިފަހަރުގެ ބުކް ފެއަރގައި 23 ސްޓޯލެއް ބައިވެރިވިއެވެ.

އެމްއެންޔޫގައި މަސައްކަތްކުރާ މުވައްޒަފުންގެ ގިނަ އަދަދެއްގެ ފޮތް ވެސް ބުކް ފެއަރއިން ލިބެން ހުންނާނެ ކަމަށް އެމްއެންޔޫގެ މާކެޓިން މެނޭޖަރ ޝަހުދާ މޫސާ ފާހަގަކުރެއްވިއެވެ. މި ފަހަރުގެ ބުކް ފެއަރގައި ގިނަ އަދަދެއްގެ ނަންހިނގާ ފޮތް ލިޔުންތެރިން ބައިވެރިވެފައިވާކަމަށް ޝަހުދާ ފާހަގަކުރެއްވިއެވެ. މިކަމަށް އަލިއަޅުއްވާލައްވާ ޝަހުދާ ވިދާޅުވީ، ދިވެހި ބަހުގެ އެކަޑަމީއާއިި، ދަގެތި ބުކްޝޮޕުންވެސް އެމްއެންޔޫގެ ފޮތް މައުރަޒުގައި ބައިވެރިވިކަމަށެވެ.

އޭގެ އިތުރުން ޑިންޑިން ކޮވެލި، އިންސްޓިޓިއުޓް ފޯ މެންޓަލް ވެލްބިއިންގެ ސްޓޯލްތަކުން ޔުނިވަރސިޓީގެ ބައެއް ސްޓާފުންގެ މަސައްކަތްތައް ފެންނަން ހުންނާނެކަމަށްވެސް ޝަހުދާ ފާހަގކުރެއްވިއެވެ.

ޝަހުދާ ވިދާޅުވީ ބުކް ގްރާންޓްގެ ދަށުން މިއަދު ނެރުނު ފޮތްތައްވެސް އެމްއެންޔޫގެ ފޮތް މައުރަޒުގައި ލިބެން ހުންނާނެ ކަމަށެވެ. މި އަަހަރުގެ ބުކް ފެއަރގައި އެހެން އަހަރުތަކަށްވުރެ ގިނަ އަދަދެއްގެ ފަރާތްތައް ބައިވެރިވެފައިވާތީ، މި މައުރަޒަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ޝަހުދާ ފާހަގަކުރެއްވިއެވެ. ޝަހުދާ ވިދާޅުވީ މި ފޮތް މައުރަޒަކީ ފުރާތަ ކެމްޕޭންގެ ދަށުން 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޔުނިވަރސިޓީން ކުރިއަށް ގެންދަމުންދާ ބުކް ފެއަރއެއް ކަމަށެވެ.

"މީގެ ކުރިން ލިޔުންތެރިންގެ މި ފޮތްތައް ނެރޭނެ ޕްލެޓްފޯމެއް ލިބިފައެއް ނެތް. އަޅުގަނޑުމެން މިކަން މިކުރަނީވެސް ހިލޭ ސާބަހަށް ވީމަ އެބޭފުޅުންނަށް އެއްވެސް ޚަރަދެއް ކުރައްވާކަށް ނުޖެހޭނެ ބައިވެރިވުމަށާއި އިތުރު އެއްވެސް ކަމެއްގައި. ގިނަ ސޯޝަލް މީޑިޔާ ތަކުގައްޔާއި ސްކޫލުތަކަށް އިންފޯމްކޮށްފައިވާނީ އިވެންޓާ ބެހޭ މަޢުލޫމާތު. އެބޭފުޅުންނަށް އެ ލިބެނީ ރަނުގެ ފުރުސަތެއް." އެމްއެންޔޫ މާކެޓިން މެނޭޖަރ ޝަހުދާ މޫސާ.

މިފަހަރުގެ ބުކް ފެއަރގައި ކުޑަކުދިންނަށް ޝައުގުވެރިވާފަދަ ވާހަކަތަކާއި، އެންމެ ތުއްތު ކުދިންނަށް ޚާއްސަ ވާހަކަ ފޮތްތަކާއި، ބޮޑެތިމީހުންނަށް ޚާއްސަ ވާހަކަ ފޮތްތަކުގެ އިތުރުން މަޢުލޫމާތު ލިބޭ ފޮތްތަކާއި ތާރީޚީ ފޮތްތައް ހިމެނެއެވެ. މިއަހަރުގެ ފޮތް މައުރަޒުގެ ހިމެނޭ ފޮތްތަކުގެ އަދަދަށް ބަލާއިރު 400 އަށް ވުރެ ގިނަ ފޮތް ހިމެނޭ ކަމަށް ޝަހުދާ ފާހަގަކުރެއްވިއެވެ. މި ފޮތްތަކުގެ ތެރޭގައި އެކި ލިޔުންތެރިންގެ އައު ވާހަކަ ފޮތްތަކާއި ސިލްސިލާ ވާހަކަތައް ހިމެނެއެވެ. އެމްއެންޔޫ ފޮތް މައުރަޒަކީ އަކީ ހުރިހާ ފަރާތްތަކަކަށް ހުޅުވާލައިގެން ކުރިއަށް ދާ މައުރަޒެކެވެ.

އެމް.އެން.ޔޫ. ފޮތް މައުރަޒު ކުރިއަށްދާނީ ސެޕްޓެމްބަރ މަހުގެ 20 އިން 22 އަށް ޔުނިވަރސިޓީގެ މައިމަރުކަޒުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ.

މިއަދުން ފެށިގެން 22 ސެޕްޓެމްބަރުގެ ނިޔަލަށް ބުކް ފެއަރ ކުރިއަށް ދާއިރު، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން ފެށިގެން ރޭގަނޑު 22:00 އަށް ފޮތް މައުރަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތުގެ ހުރިހާ ފަރާތްތަކަށް އޮންނާނެކަމަށް އެމްއެންޔޫން ވިދާޅުވެއެވެ. އަދި ހުކުރު ދުވަހު ފޮތް މައުރަޒަށް ޒިޔާރަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފަ ހުންނާނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 އަށް ކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.