ދެވަނަ ދައުރެއްގައި ރ.ދުވާފަރުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެ ކަމަށާއި ސްކޫލް ކުދިންނަށް ޚާއްޞަކުރައްވައިގެން ދުވާފަރުގައި ބަހުގެ ޚިދުމަތް ފަށްޓަވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރ.ދުވާފަރުގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 2 ވަނަ ދައުރެއްގައި ދުވާފަރަށް ކޮށްދެއްވާނެ ކަންތައްތައް ރައްޔިތުންނާ ޙިއްޞާކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ދުވާފަރުގައި މިހާރު ހިއްކާފައިވާ 22 ހެކްޓަރު ބިމުގައި ފްލެޓާއި ރޯހައުސް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރެއްވުމަށް ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރައްވައި އިތުރު ޚިދުމަތްތައް ފަށްޓަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ދުވާފަރުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލަށް ދިއުމުގައި ލުއިފަސޭހަކުރުމުގެ ގޮތުން އާރްޓީއެލް ބަހުގެ ޚިދުމަތް ދެއްވަންވެސް ނިންމަވާފައިވާ ކަމަށެވެ. އަދި ދުވާފަރަކީ ގިނަ އަދަދެއްގެ މަސްވެރިން އުޅޭ ރަށެއްކަމަށާއި މަސްވެރިން އެދޭގޮތަށް ދުވާފަރުގައި މަސް ޕްރޮސެސްކޮށް ބާނާ މަސް ރައްކާކުރެވޭނެ އިންތިޒާމްތައް ދެވަނަ ދައުރުގައި ހައްދަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދުވާފަރުގައި ނުހަދާ އޮތް މަގުތައްވެސް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ދުވާފަރު ރައްޔިތުންގެ އެންމެ ބޮޑު އެއް އެދުމަކީ އެރަށުގައި އެއަރޕޯޓެއް އެޅުންކަމަށާއި އެއަރޕޯޓެއް އެޅުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށް މިޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ.
"ތިޔަބޭފުޅުންގެ ތިޔަ އެދުމާ އެކީގައި އަޅުގަނޑު ޕްލޭނިން މިނިސްޓްރީ އާއި، ޕޮލިސީ ޓީމު އަދި ފައިނޭންސް މިނިސްޓްރީއާ އެކު އަދި އިށީންނާނަން. ތިޔަބޭފުޅުން އުންމީދު ގެއްލުވާނުލާ. އަޅުގަނޑުމެން ތިޔަބޭފުޅުންނަކަށް ދެރަގޮތެއް ނުހަދާނަން" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ރ. އަތޮޅުގައި އިތުރު އެއަރޕޯޓެއް ހައްދަވާނެ ކަމުގެ އުންމީދު ރައީސް ދެއްވިއިރު އެއަތޮޅު އިފުރުގައި މިހާރުވެސް އެއަރޕޯޓެއް އޮވެއެވެ. އަދި ރ. އަލިފުށީގައި އެއަރޕޯޓެއް ހަދަމުން އަންނައިރު ބެރިޔަންފަރުގައި އެއަރޕޯޓެއް ހެދުމަށްވެސް ވަނީ ނިންވައިފައެވެ.