ޚަބަރު

ކުށް މަދުކުރެވިފައިވާ މިންވަރު ދެއްކެވީ ހިސާބު ޢަދަދުތަކުން!


  • 2013-2018 އަދި 2019-2023 އާ ދެމެދު ހިނގާފައިވާ ކުށުގެ ތަފާސްހިސާބުތައް ދެއްކެވި

  • އުފާވެރި އަމާން ރާއްޖެއަކަށް ދިއުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރެއްވިކަމަށް

މި ފާއިތުވާ ފަސް އަހަރަކީ ކުށުގެ ނިސްބަތް އެންމެ މަދު ދައުރުކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާން، ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ މި ނިމިގެންދާ ފަސް އަހަރު، އަހަރާއި އޭގެ ކުރީގެ ފަސް އަހަރާއި އަޅާބަލާއިރު ކުށުގެ ނިސްބަތް ދެބައިކުލަ އެއްބަޔަށްވުރެ ބޮޑަށް ކުޑަވެފައިވާކަމަށެވެ.

ތަފާސް ހިސާބުތަކުން ހެކިދައްކަވަމުން މިނިސްޓަރ ވިދާޅުވި ތަަފާސް ހިސާބުތަކުން ދައްކާގޮތުގައި 2013-2018އާއި ދެމެދު މާރާމާރީގެ 5،587 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށެވެ. ނަމަވެސް 2019-2023އާއި ދެމެދު އެއަދަދު ބޮޑުތަނުން ދަށްވެ 2،777 މައްސަލައެއް ރިޕޯޓުކުރިކަމަށް މާރިޔާ ވިދާޅުވިއެވެ. ހަމައެއާއެކު ވައްކަމުގެ މައްސަލަތަކުގައި 2013-2018އާއި ދެމެދު 26،146 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށާއި، 2019-2023 އާ ދެމެދު ވަނީ މި އަދަދު 18748 އަށް ދަށްވެފައިކަމަށް މާރިޔާ ވިދާޅުވިއެވެ.

މިިނިސްޓަރ ފާހަގަކުރެއްވިގޮތުގައި 2013-2018އާއި ދެމެދު 41 މީހަކު އެކި ކުށްކުށުގައި މަރާލާފައިވެއެވެ. އެ ޢަދަދު މިހިނގާ ފަސް އަހަރުތެރޭ ދަށްކުރެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 2019-2023 އާ ދެމެދު 7 މީހުން އެކި ކުށްތަކުގައި މަރާލާފައިވެއެވެ. މިނިސްޓަރ ވިދާޅުވީ ކުށްކުރާ ނިސްބަތް މަދުކުރުމަށް ޤާނޫނުތައް ތަންފިޒްކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި ދިވެހިންނަށް އަމާން ރާއްޖެއެއް ހޯދައިދެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.