އުތުރުކޮރެޔާގެ ޒަޢީމް ކިމް ޖޮންގ އުންގެ މައްޗަށް ބައިނަލްއަޤްވާމީ ގޮތުން ޝަރީޢަތް ހިންގުމަށް އިންސާނީ ޙައްގުތަކާބެހޭ އދ. ގެ މުޤައްރިރު މަރްޒޫގީ ދަރުސްމަން ގޮވާލައްވައިފިއެވެ. ޖެނީވާގައި ބޭއްވި އދ. ގެ އިންސާނީ ޙައްގުތަކާބެހޭ ކައުންސިލްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ދަރުސްމަން ވިދާޅުވީ އުތުރުކޮރެޔާގެ ޒަޢީމް ކިމް ޖޮންގް އުންގެ ސަރުކާރުން އެޤައުމުގެ ރައްޔިތުންގެ ޙައްޤުތަކަށް ތަކުރާރުކޮށް އަރައިގަންނަމުންދާ ކަމަށާ މިމައްސަލައިގައި އޭނާ ބައިނަލްއަޤްވާމީ އަދާލަތުގެ ކުރިމައްޗަށް ޙާޒިރު ކުރަންޖެހޭކަމަށެވެ.
ދަރުސްމަން ވިދާޅުވީ އުތުރުކޮރެޔާގެ ދައުލަތަށް ލިބޭ އާމްދަނީން އެޤައުމުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ބޭސްވެސް ފޯރުކޮށް ނުދޭކަމަށާ އޭގެ ބަދަލުގައި އެޤައުމުގެ އާމްދަނީގެ ބޮޑުބައި ހޭދަކުރަނީ ނިއުކްލިޔަރ ހަތިޔާރާއި އެނޫންވެސް ފަނާކުރަނިވި ހަތިޔާރުތައް އުފައްދައި އަވަށްޓެރި ޤައުމުތަކަށް ބިރުދެއްކުމަށް ކަމަށެވެ. އުތުރުކޮރެޔާގެ ސަރުކާރުންވަނީ ޖެނީވާގައި ބޭއްވި އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ޖަލްސާ ގައި ބައިވެރިނުވެ އެޖަލްސާ ބޮއިކޮޓްކޮށްފައެވެ.