އޯޝަން ކަނެކްޓް މޯލްޑިވްސް، އައިއޭއެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާއި ގުޅުވާލައިފިއެވެ.
އިންޑިޔާ އޭޝިޔާ އެކްސްޕްރެސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅައިލުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ގުޅައިލެވިފައި ވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލް ލޭންޑިންގ ސައިޓާއެވެ. މިއީ ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް އަގުހެޔޮކޮށް, ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުގެ ދަށުން, މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އިސްނެގުމަކަށް ކޮށްފައިވާ މަސައްކަތެކެވެ.
މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ރާއްޖެއާއި މުންބާއީއާއި، ސިންގަޕޫރާއި މި ސަހަރައްދުގެ އެހެން ސަރަހައްދުތަކާވެސް ގުޅާލެވޭނެއެވެ. އަދި މިކޭބަލްގެ ސަބަބުން މިސަރަހައްދުގެ ވިޔަފާރި ކުރިއަރައިގެންދާނެކަމަށާއި، މިއީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބިގެންދާ ކުރިއެރުމެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ސަރުކާރުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ވެފައިވާ ވައުދު މިހާރު މިވަނީ ފުއްދިފައިކަމަށެވެ. މި ސަބްމެރިން ކޭބަލްގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮވެ ސްޕީޑްވެސް އިތުރަށް ހަލުވިވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
“އެއްވެސް ހާލަތެއްގައި އަޅުގަނޑުމެން މި ކުރަންއުޅޭ މަސައްކަތަކީ އިންޓަނެޓްގެ ހިދުމަތް ދިނުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ މިއަދު ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކަށް އެބޭފުޅުން މިހާރު ދިވެހިރާއްޖެއިން ބޭރުން ބޮޑު އަގުގައި އެ ގަންނަ ގަތުން ހުއްޓުމަކަށް ގެނެސް އެބޭފުޅުން އާންމު ރައްޔިތުންނަށް އެދޭ ހިދުމަތުގެ އަގު ބޮޑުތަނުން ދަށްކުރުމާއި އޭގެ ކޮލެޓީ އިތުރުކުރުން. އެގޮތުން އަޅުގަނޑުމެންގެ އަންދާޒާއަކީ މަދުވެގެން އޯސީއެމްގެ މި ކޭބަލްއާއި އެއްކޮށް މިހާރު ދިރާގު އުރީދޫ ތަންތަނުން ބޭރުން އެ ގަންނަ އަގުގެ %50 ގެ އަގު ހެޔޮކުރެވޭނެކަމަށް.” މިނިސްޓަރ ވިދާޅުވިއެވެ.
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ގުޅާލުމުގެ ސަބަބުން ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވޭނެއެވެ. އަދި އިދާރާތައް ގުޅާލުމަށް ހިނގާ ޚަރަދު ބޮޑުތަކުން ކުޑަ ކުރެވި، ރާއްޖޭގައި ވިލުންތެރި މުވާސަލާތީ ވިއުގައެއް ޤާއިމުކުރެވި، ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އޯސީއެމްއަކީ ސަރުކާރުގެ %100 ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.