ޚަބަރު

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ ހަވީރު


  • - 8 ކެންޑިޑޭޓަކު ވަނީ ނަން ހުށައަޅުއްވާފައި

  • - 3 ކެންޑިޑޭޓެއްގެ ނަން ބަލައިގަތުމާއި މެދު އީސީން އަދި ގޮތެއް ނުނިންމަވާ

  • - ނަން ތަރުތީބުކުރުން މާދަމާ

އަންނަ މަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ ހަވީރު ބޭއްވުމަށް އިލެކްޝަނަސް ކޮމިޝަނުން ނިންމަވައިފިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ އިންތިޚާބަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުން ނެގުން އޮންނާނީ މާދަމާ 16:30ގައި ދަރުބާރުގޭ ރަންނަ ބަންޑޭރި މާލަމުގައިކަމަށެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ އެކަން ސިޓީއަކުން ހުށައަޅަންޖެހޭނެކަމަށް އީސީން ވިދާޅުވެއެވެ. އެހެންނަމަވެސް ކެންޑިޑޭޓް ނުވަތަ ބަދަލުގައި މީހަކު ހާޟިރު ނުވެއްޖެނަމަ އެ ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މީ އެންމެ ގިނަ ބަޔަކު ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓަކުން މިވަނީ ނަން ހުށައަޅާފައެވެ. އޭގެތެރޭގައި ހިމެނޭ ޕާޓީގެ ޓިކެޓްގައި ނުކުތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.

ޕާޓީތަކުގެ ޓިކެޓްގައި ނުކުންނެވި ބޭފުޅުން

1- ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް / މުހައްމަދު އަސްލަމް (އެމްޑީޕީ)
2- ޑރ. މުހައްމަދު މުއިއްޒު / ހުސެއިން މުހައްމަދު ލަތީފް (ޕީއެންސީ)
3- ގާސިމް އިބްރާހިމް / ޑރ. އަމީން އިބްރާހިމް (ޖުމްހޫރީ ޕާޓީ)
4- މުހައްމަދު ނާޒިމް / ޑރ. އަހުމަދު އަދީލް ނަސީރު (އެމްއެންޕީ)
5- އިލްޔާސް ލަބީބް / ހުސެއިން އަމްރު (ދަ ޑިމޮކްރެޓްސް)

އަމިއްލަ ގޮތުން ވާދަކުރައްވާ ބޭފުޅުން

1- އަހްމަދު ފާރިސް މައުމޫން / ޑރ. އަބްދުއްސައްތާރު ޔޫސުފް
2- އުމަރު ނަސީރު / މުހައްމަދު ސަލީމް
3- ޙަސަން ޒަމީލް / މަރިޔަމް އަލީމް

މި ފަހަރުގެ އިންތިޚާބަށް ނަން ހުށައެޅުއްވި ކެންޑިޑޭޓުންގެ ތެރެއިން ގާސީމް އިބްރާހިމް މީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 3 ވަނަ ފަހަރެވެ. މީގެކުރިން 2008 ވަނަ އަހަރާއި 2013 ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ގާސިމް ވާދަކުރެއްވިއެވެ. ރައީސް ޞާލިޙް ދެވަނަ ދައުރެއް ހޯއްދަވަން ނުކުންނެވިއިރު އުމަރު ނަސީރު މީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 2 ވަނަ ފަހަރެވެ. އުމަރު ވަނީ އައު ޤާނޫނު އަސާސީން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާފައެވެ.

ކެންޑިޑޭޓުންގެ އަދަދު އެނގޭނީ މިއަދު

މިފަހަރުގެ އިންތިޚާބުގައި ވާދަކުރަން ނަން ހުށައެޅުމުގެ ވަހުތު ހަމަވިއިރު 8 ބޭފުޅުން ކެންޑިޑަސީ ހުށައަޅާފައި އޮތްނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ބަލައިގެންފައިވަނީ ޕާޓީތަކުގެ ޓިކެޓްގައި ވާދަކުރައްވާ ފަރާތްތަކެވެ. އަމިއްލަ ގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓުންގެ ފޯމްތަކުގެ ސައްހަކަން ކަށްވަރުކުރުމުގެ މަސައްކަތް އެކޮމިޝަނުން އަންނަނީ ކުރަމުންނެވެ.

އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުން ހުށައެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅެވެ. އެހެންނަމަވެސް ރިޝްވަތު ނެގުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވުމާއި ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއް އޮތުމުން ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރުރެއްވުމުގެ ޝަރުތު އުނިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އަދި އެ ނިންމެވުމަށް ސުޕްރީމްކޯޓުން ވަނީ ތާއީދުކުރައްވާފައެވެ.