ޚަބަރު

އެމްޑީޕީ މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު "އުފާވެރި ދިރިއުޅުން" އިފްތިތާހުކޮށްފި


  • އެމްޑީޕީގެ މެނިފެސްޓޯ ބަހާފައިވަނީ 5 ސިޔާސަތެއްގެ މައްޗަށް

  • ފުރަތަމަ ސިޔާސަތަކީ "އުފާވެރި ދިރިއުޅުން"

  • މި ސިޔާސަތު ވަނީ 3 ބަޔަކަށް ބަހާލާފައި

ވެރިކަން ކުރާ ޕާޓީ އެމްޑީޕީން މިއަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުކުރި މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު ރޭ އިފްތިތާހުކޮށްފިއެވެ. މިމެނިފެސްޓޯ އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދ.ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައެވެ.

އެމްޑީޕީގެ މެނިފެސްޓޯ ބަހާފައިވަނީ 5 ސިޔާސަތެއްގެ މައްޗަށެވެ. އޭގެ ތެރެއިން ރޭ އިފްތިތާހުކުރެއްވީ "އުފާވެރި ދިރިއުޅުން" މި ސިޔާސަތެވެ. އެ ސިޔާސަތު ބިނާކޮށްފައިވަނީ ދުޅަހެޔޮ، އުފެއްދުންތެރި އަދި ފުދުންތެރި މުޖުމަޢެއް ބިނާކުރުމުގެ ބޭނުމުގައެވެ.

މި ސިޔާސަތު ވަނީ 3 ބަޔަކަށް ބަހާލާފައެވެ. އެއީ ދުޅަހެޔޮ ބަދަހި މުޖުތަމައު، އުފެއްދުންތެރި ފުދުންތެރި ޖީލެއް، އަދި ޝާމިލު، އޯގާތެރި ރައްޔިތުންގެ ބައެވެ.

ސިޔާސަތުން ފާހަގަކުރެވުނު ބައެއް ކަންކަން

* ސަރަހައްދީ ގުދަންތައް ގާއިމުކޮށް، ބޭހާއި ވަސީލަތްތައް ފޯރުކޮށްދިނުމާއި އެއްގަމާއި ކަނޑާއި ވައިގެ ޒަރިއްޔާއިން އަވަސް ފަރުވާ ގާއިމުކޮށް، ސައިކަލް ޕެރެޑަމިކްސް ތައާރަފްކުރުމުގެ އިތުރުން، ދަރިމައިނުވުމުގެ މައްސަލަތަކަށް ލިބޭ އިންޝުއަރެންސް ފުޅާކުރުން

* ހައުސިން ފައިނޭންސްކޮށްދޭނެ ހާއްސަ ބޭންކެއް ގާއިމުކޮށް، ލޯނުގެ އިންޓްރެސްޓް ރޭޓް %6އަށް ވުރެ ބޮޑު ނުވާނެހެން އަދި އަތުން ލާން ޖެހޭ ބައި ނުވަތަ އިކުއިޓީ %10ގައި ލޯނު ދިނުން

* އިސްލާމިކް އިންވެސްޓްމެންޓް ޕްރޮޑަކްޓުތައް މެދުވެރިކޮށް، ހައްޖަށް ދާން ކުރާ ހޭދަ ލުއިކުރުމާއި ކުދިންނާ ރަހުމަތްތެރިކޮށް އިސްލާމް މާއްދާގެ ބައިތައް ކިޔަވައިދިނުމުގެ އިތުރުން، އެ މާއްދާ އިނގިރޭސިން ވެސް ކިޔެވޭނެ ފުރުސަތު ގާއިމުކޮށްދިނުން

* ރާއްޖެއިން ބޭރުން ކުދިން ކިޔަވަން ރާއްޖެ އައުމަށް ބާރުއެޅުމުގެ ގޮތުން ސްޓޫޑަންޓް ވިސާ ތައާރަފްކުރުމާއި ބޮންޑް ގާނޫނަށް އަމަލުކުރުން ހުއްޓާލުން، ލޯނު އެހީގެ އުސޫލު މުރާޖައާކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މައާފުކުރުން

* ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ސަަރަހައްދީ މަރުކަޒުތައް ގާއިމްކުރެވި، ރާއްޖެއިން ބޭރުން ތަމްރީނު ދެވޭނެ ނިޒާމެއް ގާއިމްކުރުން

މެނިފެސްޓޯގެ ތަފުސީލު އެމްޑީޕީގެ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ.